ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބުރު ބަލިކޮށް ދިއްދޫއިން ފެށުން ރަނގަޅުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ދިއްދޫ ސްޕޯޓްސް ކުލަބުން ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި 1-0ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، ފުރަތަމަ ޑިވިޝަނުގެ ދަތުރު ކާމިޔާބުކަމާއެކު ފަށައިފިއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 24ވަނަ މިނެޓުގައި ދިއްދޫއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ފޯވާޑް ޓިޓޭ ގިޑެއޯންއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ބުރުގެ ހާފު މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޯރުކޮށްލައިގެންނެވެ.

މެޗުގެ ކުރީކޮޅު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. ބުރުގެ ބިދޭސީ ފޯވާޑް އެޑުއާޑޯއަށް ލިބުނު ހުސް ފުރުސަތުގެ ހުރަހަކަށް ދިއްދޫގެ ކީޕަރު މުޙައްމަދު ޝިފާން ވިއިރު، އެޑުއާޑޯއަށް ފަހުން ލިބުނު އިތުރު ފުރުސަތެއްގެ ބޭނުންވެ ސް ވަނީ ނުހިފިފައެވެ. ހަމައެހެންމެ ދިއްދޫގެ ޓިޓޭ އޯވާހެޑަކުން ފޮނުވާލި ބޯޅައެއް ގޯލާ އަމާޒުނުވެ ދިޔައިރު، ބުރުގެ އަލީ ހަމްދާން އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ދިއްދޫގެ ހުސެއިން ޒިމްޔާނަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ބުރުގެ ޝަމްވީލަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މީގެ އިތުރުން، ބުރުގެ އިބްރާހީމް އުސާމާއަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ޤައުމީ ޓީމުގެ މެޑިކަލް އޮފިސަރުގެ އެހީތެރިކަން ދަނޑުމަތީގައި ފޯރުކޮށްދޭން ޖެހުމުން ކުޅުން ކޮންމެވެސް ވަރަކަށް މެދުކަނޑާލަން ޖެހުނެވެ.

މުބާރާތުގައި ދިއްދޫއިން ދެން ނުކުންނާނީ ފުރަތަމަ މެޗުގައި ޓީސީގެ މައްޗަށް 5-1އިން ކުރިހޯދި ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އަދި ބުރާސްފަތި ދުވަހު ކުޅޭ މެޗުގައި ބުރު ބައްދަލުކުރާނީ މާޒިޔާ އަތުން 1-0އިން ބަލިވި އޮޑި ސްޕޯޓްސް ކުލަބާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު