ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން 4-3ގެ ނަތީޖާއަކުން ވިކްޓްރީ ސްޕޯޓްސް ކުލަބް މޮޅުވި ނަމަވެސް، ލީޑެއް ލިބުމުން ކުޅުންތެރިން ފަރުވާކުޑަކޮށްލާފައިވާތީ ކުރިއަށް ހުރި މެޗުތަކަށް ޓީމުގެ ކުޅުން ވަރަށް ބޮޑަށް އިސްލާހުކުރަން ޖެހިފައިވާކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ޝިޔާޒް ފާހަގަކުރި ގޮތުގައި، މި މެޗުން ލިބުނު ތިން ޕޮއިންޓާމެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ވިކްޓްރީން ތިން ލަނޑުގެ ބޮޑު ލީޑެއް ނަގާފައި ވަނިކޮށް، ދެވަނަ ހާފުގައި ކުޅުންތެރިން މާބޮޑަށް ޔަގީންކަން އަތުލައި މެޗު ފަސޭހަކޮށްލުމުގެ ސަބަބުން ދިއްދޫން ވަނީ ޖެހިޖެހިގެން ތިން ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. ވިކްޓްރީއަށް މި މެޗުން އުނދަގޫ މޮޅެއް ހޯދެވުނީ މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ޖެހި ލަނޑުންނެވެ.
ޝިޔާޒް ބުނީ ދިއްދޫއާ ދެކޮޅަށް ނުކުތްއިރު ވެސް މިއީ ފަސޭހަ ކުރިމަތިލުމަކަށް ނުވާނެކަން އޭނާއަށް އެނގޭ ކަމަށެވެ. އަދި ވިކްޓްރީ ކޮޅަށް ވަން ލަނޑުތަކަކީ ސީދާ ކުޅުންތެރިންގެ ފަރުވާކުޑަކަމުން ވަން ލަނޑުތަކެއްކަން ފާހަގަކުރަމުން އޭނާ ބުނީ، މެޗުގެ ކަށިގަނޑު ފުމެންދެން ހުރިހާ ކުޅުންތެރިންވެސް ސަމާލުކަންދީގެން ކުޅުން މުހިންމު ކަމަށެވެ. ލީގުގައި ކުރިއަށް އޮތް ތަނުގައި ކިތަންމެ ބޮޑު ލީޑެއް ލިބުނު ނަމަވެސް، މިފަދަ ގޯސްތަކަށް ޖާގަ ނުދިނުމަށް އޭނާ ވަނީ ކުޅުންތެރިންނަށް ގޮވާލާފައެވެ.
ލީގުގެ ކުޅުން މެދުކަނޑާލުމުގެ ކުރިން ކުޅުނު ދެ މެޗުންވެސް މޮޅުވެ، ވިކްޓްރީން ވަނީ ހަ ޕޮއިންޓް ހޯދާފައެވެ. ފުރަތަމަ މެޗުގައި 5-1އިން ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށްފައިވާއިރު، މި ނަތީޖާތަކާއެކު ލީގު ބްރޭކަށް ދާންޖެހުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ޝިޔާޒް ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.