ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓްރޭނިންގ ކޭމްޕަކަށް ވިކްޓްރީ ލަންކާއަށް ފުރައިފި

ޝެއާ ކުރޭ Facebook Telegram Viber X

މި މަހުގެ 10ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއާ ލީގަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުންނާއި، ކުޅުންތެރިންގެ މެޗު ފިޓްނަސް ރަނގަޅުކުރުމަށް ޓަކައި ވިކްޓްރީ ސްޕޯޓްސް ކުލަބުން ސްރީލަންކާއަށް ފުރައިފިއެވެ.

ވިކްޓްރީން މައުލޫމާތު ދިން ގޮތުގައި، ލަންކާގައި ކުރިއަށްގެންދާ މި ޚާއްޞަ ޓްރޭނިންގ ކޭމްޕަކީ ހަފުތާއެއްގެ މުއްދަތަށް ރޭވިފައިވާ ކޭމްޕެކެވެ. މި ދަތުރުގެ ތެރެއިން އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަނާ ކުރިމަތިލާއިރު، އެންމެ ބޮޑު ހޭދައެއްކޮށް ވަރުގަދަ ސްކޮޑެއް އެކުލަވާލާފައިވާ އެއް ޓީމަކީ ވިކްޓްރީއެވެ. ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ނުކުންނަ އެ ޓީމުން ވަނީ ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު)، ނާއިޒް ހަސަން (ދާދު)، ހަސަން ނަޒީމް ގާސިމް (ޗޯޓު)، ހުސެއިން ނިހާން (ނިހާޓް)، އަހްމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)އަދި ކީޕަރު މުހައްމަދު ޝަފީއު (ޗެކް)ފަދަ ހުނަރުވެރި ކުޅުންތެރިން ހިމެނެއެވެ. 

މީގެ އިތުރުން ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ކޯޓާ ފުރިހަމަކުރުމަށް ވެސް ފެންވަރު ރަނގަޅު ތިން ކުޅުންތެރިއަކު ވަނީ ގެނެސްފައެވެ. އެއީ އުޒްބެކިސްތާނަށް ނިސްބަތްވާ މިޑްފީލްޑަރު މިރްޖަލޯލް ކަސީމޯވްއާއި އެ ގައުމުގެ ޑިފެންޑަރު ފުރްކަތޯން ހަސަންބޮއޭވްގެ އިތުރުން ބްރެޒިލްގެ ޑިފެންޑަރު އާތޫރް އަރައުހޯއެވެ.

ލީގާ ކުރިމަތިލާއިރު ރަސްމީ މެޗެއް ކުޅެލަން ނުލިބުމަކީ ޓީމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްކަން ކޯޗު މޯހަން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ލަންކާ ކޭމްޕާއެކު ކުޅުންތެރިންގެ ފިޓްނަސް ލެވެލް ރަނގަޅުވެގެންދާނެ ކަމަށް އޭނާ އުންމީދުކުރެއެވެ. މޯހަން ބުނި ގޮތުގައި، މި ސީޒަނުގައި ވިކްޓްރީގެ އަމާޒަކީ ބައިވެރިވާ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް، ދިވެހި ފުޓުބޯޅައިގެ އެންމެ އުސްގަނޑަށް އެ ކުލަބު އަލުން ގެންގޮސްދިނުމެވެ. މި ބޮޑެތި ބަދަލުތަކާ އެކު ވިކްޓްރީ ބެލެވެނީ މިފަހަރުގެ ލީގަށް އެންމެ ބޮޑަށް ވާދަކުރާނެ އެއް ފޭވަރިޓްގެ ގޮތުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު