ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގެ ފުރަތަމަ މެޗުގައި ކުލަބު ގްރީން ސްޓްރީޓްސްއާއި ކ. ހުރާ ވާދަކުރި މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗަކީ މި ފަހަރުގެ ކޮލިފައިން ބުރުގައި ކުޅެވުނު ފުރަތަމަ ކުރިމަތިލުމެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ގްރީން ސްޓްރީޓްސްއިންނެވެ. މި ލަނޑު މެޗުގެ 31ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުޒާމް ހަމީދުއެވެ. ނަމަވެސް، ދެވަނަ ހާފުގައި ހުރާއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން މެޗުގެ 65ވަނަ މިނެޓުގައި ހުރާއަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސާދު އަބްދުލްއަޒީޒް އިބްރާހީމްއެވެ.
މިއީ މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުންނާއެކު ކުރިއަށްދާ ކޮލިފައިން ބުރެކެވެ. މި ބުރުގައި ވާދަކުރަނީ ސައުތު ރީޖަންގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ އަދި މާލެ ރީޖަންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އަދި އަށްވަނަ ހޯދި ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސް ވެސް މި ބުރުގައި ވާދަކުރެއެވެ.
ޖުމްލަ ހަ ޓީމު ވާދަކުރާ މި ކޮލިފިކޭޝަން ބުރުގެ ގަދަ ހަތަރު ޓީމަށް ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުން ޖާގަ ލިބޭނެއެވެ. ކޮލިފައިންގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ގައްދޫއާއި ދިއްދޫއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.