ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ހުރާ ކޮޅަށް ހަތް ލަނޑު ޖަހައި ޓީސީން މޮޅަކާ އެކު ނިންމާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ޕްރެމިއާ ލީގު ކޮލިފިކޭޝަންގައި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ފަހު މެޗުގައި، ލީގުގެ ޖާގައެއް ނުލިބި މުބާރާތުން ކަޓާފައިވާ ކ. ހުރާގެ މައްޗަށް 7-2ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓީސީން ވަނީ މި މޮޅާއެކު ކޮލިފިކޭޝަން ބުރު ރަނގަޅު ނަތީޖާއަކުން ނިންމާލާފައެވެ.

މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ޓީސީގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު އަޙްމަދު ރިޟްވާނެވެ. މިއީ ހުރާގެ އަޙްމަދު ބައްސާމް، ޓީސީގެ ޢަބްދުލް ވާޙިދު އިބްރާހީމަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި މެޗަށްފަހު ރިޟްވާން ވަނީ ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިޢުލާންކޮށްފައެވެ. ޓީސީގެ ދެވަނަ ލަނޑު މެޗުގެ 16ވަނަ މިނެޓުގައި ބޯޑޫ ޕްރިންސް ކާމިޔާބުކޮށްދިންއިރު، ތިންވަނަ ލަނޑަކީ ހުރާގެ މުޙައްމަދު އާކިން އަތުން ބައިކޮށް ވަތް ގޯލެކެވެ.

ޓީސީގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އައިހަމް ޙަމްދޫންއާއި ޙުސައިން އަހުޝަމް މޫސާގެ އިތުރުން މުޙައްމަދު ޔޫހާން ފާއިޒްއެވެ. މީގެ އިތުރުން ބޯޑޫ ޕްރިންސް ވަނީ އެޓީމުގެ ފަހަތުން ފެށިގެން ގިނަ ކުޅުންތެރިންތަކެއްގެ ބައިވެރިވު މާއެކު އުފެއްދި ރީތި ހަމަލާއަކުން އެޓީމުގެ ހަވަނަ ލަނޑު ޖަހައިދީ، މެޗުގައި އޭނާގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ހުރާއިން ޖެހި ދެ ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ފްރާންސިސް ކާމިޔާބުކޮށްދިންއިރު، މީގެ ކުރިން ސަޢުދު ޢަބްދުލް ޢަޒީޒް ފޮނުވާލި ޕެނަލްޓީ ޓީސީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ހުރާގެ ދެވަނަ ލަނޑު މެޗުގެ 87ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ފަވާޒްއެވެ. އޭނާ އޭރިއާ ތެރެއަށް ހުރަސްކޮށްލަން ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ގޯލުގެ ތެރެއަށެވެ.

މި ނަތީޖާއާ އެކު ކޮލިފިކޭޝަންގައި ކުޅުނު 5 މެޗުން ޓީސީއަށް 10ޕޮއިންޓު ލިބިފައިވާއިރު، ހުރާއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. މި ބުރުގައި ބާކީ ދެން އޮތީ ދެ މެޗެވެ. އެގޮތުން މިރޭ 21:00ގައި ކްލަބް ގްރީން ސްޓްރީޓްސްއާއި ގދ. ގައްދޫ ބައްދަލުކުރާއިރު، މާދަމާ ރޭ 21:00ގައި ބައްދަލުކުރާނީ ހއ. ދިއްދޫ އާއި ބިސްބުރު ސްޕޯޓްސް ކްލަބެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު