ދިވެހި ޕްރިމިއަރ ލީގުގެ އަންނަ އަހަރުގެ ސީޒަނަށް ކޮލިފައިވާ ޓީމުތައް ކަނޑައެޅުމަށް މިހާރު ކުޅެމުންދާ ކޮލިފިކޭޝަން ބުރުން ލީގަށް ކޮލިފައިވާ ޓީމްތައް ކަށަވަރު ވެއްޖެއެވެ.
ފުޓްބޯޅަ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ޕްރިމިއަރ ލީގުގެ ފުލަށްދާ ދެ ޓީމާއި ހަތަރު ރީޖަންގެ ޗެމްޕިއަންގެ މެދުގައި ކުޅޭ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް އަންނަ އަހަރުގެ ލީގަށް ކޮލިފައި ވާނެއެވެ. އެހެންކަމުން އަންނަ އަހަރުގެ ލީގުގައި 10ޓީމް ވާދަކުރާނެއެވެ.
މި އަހަރުގެ ކޮލިފިކޭޝަން ބުރުގައި ވާދަކުރީ ޕްރިމިއަރލީގުން ކޮލިފިކޭޝަންއަށް ސޮއްސައިލި ޓީސީއާއި ގްރީން ސްޓްރީޓްސްގެ އިތުރުން އުތުރުގެ ޗެމްޕިއަން ދިއްދޫއާއި ދެކުނުގެ ޗެމްޕިއަން ގައްދޫ އަދި މެދުރާއްޖޭގެ ޗެމްޕިއަން ހުރާއާއި މާލޭ ރީޖަންގެ ޗެމްޕިއަން ބިސްބުރެވެ.
މި ކޮލިފިކޭޝަނުން ލީގަށް ކޮލިފައިވީ ބިސްބުރާއި ޓީސީގެ އިތުރުން ދިއްދޫއާއި ގައްދޫއެވެ. މިއާ އެކު ގްރީން މިވަނީ ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވެފައެވެ.
ބިސްބުރު ކޮލިފައިވީ ކުޅުނު ހަތަރު މެޗުން 10ޕޮއިންޓް ހޯދައިގެންނެވެ. ޓީސީއަށް 7ޕޮއިންޓް ލިބިފައިވާއިރު ދިއްދޫއާއި ގައްދޫ 6ޕޮއިންޓް ހޯދިއެވެ. ކޮންމެ ޓީމަކަށް ބާކީ އަދި އެއް މެޗު އޮތްއިރު ގްރީންއަށް ޕްރިމިއަރ ލީގުގެ ޖާގަ ގެއްލުނީ 2ޕޮއިންޓްގައި އޮތުމުންނެވެ. ފުލުގައި އޮތް ހުރާއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.