ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގދ. ގައްދޫގެ މައްޗަށް 6-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ތާވަލުގެ އެއްވަނަ މަގާމަށް ބިސް ބުރު ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބިސް ބުރުން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްފައެވެ.
މި މެޗުގައި ބިސް ބުރުގެ މުޙައްމަދު ނަޝީދު ވަނީ ހަތަރު ލަނޑު ޖަހައި ހެޓްރިކެއް ހަދާފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އާމިރު ޝޮއެއިބް އެލްޞާދިގު މުޙައްމަދާއި، މަޙްމޫދު އަޝްރަފް މަޙްމޫދު މުސްޠަފާއެވެ.
މި މޮޅާއެކު ބިސް ބުރަށް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ހއ. ދިއްދުއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ގައްދުއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ކ. ހުރާ އަދި ފުލުގައި އޮތް ކުލަބު ގްރީން ސްޓްރީޓްސްއަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން ކުރިއަށްދާ މި ކޮލިފިކޭޝަން ބުރުގައި ޖުމްލަ ހަ ޓީމެއް ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ކަމަށްވާ ގައްދޫ، ހުރާ، ދިއްދޫ އަދި ބިސް ބުރުގެ އިތުރުން، ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އަދި އަށްވަނަ ހޯދި ޓީސީ އާއި ގްރީން ސްޓްރީޓްސްއެވެ. މި ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ.
ކޮލިފައިންގެ ކުޅުން ދެން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އާއި ދިއްދޫ ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާއާއި ބިސް ބުރެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.