ދިވެހި ޕްރިމިއާ ލީގު ހުޅުވުމުގެ ގޮތުން ގައްދޫގައި އެ ރަށުގެ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ 2-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރުމަށް ފަހު، އެންމެ އިސްކަންދެނީ ގިނަ ލަނޑުތަކެއް ޖެހުމަށް ވުރެ މެޗުން މޮޅުވުމަށް ކަމަށް ބުނެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ)ނަތީޖާއާ މެދު ހިތްހަމަޖެހުން ފާޅުކޮށްފިއެވެ.
މެޗުގެ ބޮޑު ބައެއް ކޮންޓްރޯލްކޮށްގެން ކުޅުނީ ނިއުއިން ކަމަށްވާއިރު، އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަންދްރޭ ފާހަގަކުރި ގޮތުގައި، އޭނާގެ ފަލްސަފާއަކީ ނިއުގެ އަމިއްލަ ކުޅުން ދައްކައިގެން ތިން ޕޮއިންޓް ކަށަވަރުކުރުން ކަމަށާއި، މި ފެށުމާ މެދު ނުހަނު އުފާކުރާ ކަމަށެވެ.
މި ކާމިޔާބީއާ އެކު ވެސް، ޓީމުގެ ކުޅުމުގައި އިސްލާހުކުރަން ޖެހޭ ބައެއް ކަންކަން ފާހަގަކުރެވުނުކަމަށް ކޯޗު އިއުތިރާފުވިއެވެ. އެހެންކަމުން ކުރިއަށް ހުރި މެޗުތަކާ ކުރިމަތިލާނީ ފަރިތަކުރުންތަކުގައި އެ މައްސަލަތައް ހައްލުކޮށްގެން ކަމަށާއި، ލީގުގައި ނިއުގެ ހަމައެކަނި އަމާޒަކީ ކޮންމެ މެޗަކުން ވެސް މޮޅުވުންކަން އޭނާ ކަށަވަރުކޮށްދިނެވެ.
މި އަހަރުގެ ފުޓުބޯޅަ ސީޒަނަށް ނިއުރޭޑިއަންޓުން ވަނީ އެ ޓީމުގެ ސްކޮޑް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މިގޮތުން ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ފޯވާޑް ޑޮރިއަލްޓަން ގޮމޭޒް ގެނައުން ހިމެނެއެވެ.
ލީގުގައި ނިއުއިން ކުޅޭ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ވާދަވެރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ސީޒަނުގައި މިހާތަނަށް މާޒިޔާއާ ދެކޮޅަށް ނިއުއިން ކުޅުނު ތިން މެޗުގެ ތެރެއިން ޗެރިޓީ ޝީލްޑް މެޗާއި ކަޕް ވިނާސް ކަޕްގެ ފައިނަލުން ވަނީ ބަލިވެފައެވެ. އަދި ލީގު ބުރުގައި ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.