ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ގައްދޫއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސްޕެއިން ކޯޗު ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ)، އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ މި ސީޒަނުގައި ކުރިމަތިލާ ހުރިހާ މެޗަކުން މޮޅުވުންކަމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއުލާނުކޮށްފިއެވެ.
ގައްދޫގެ އަމިއްލަ ފަސްގަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުތުމަކީ ފަސޭހަކަމަކަށް ނުވާނެކަން ފާހަގަކުރަމުން އަންދްރޭ ބުނީ، އިދިކޮޅު ޓީމާ ގުޅޭގޮތުން އެނގޭ މައުލޫމާތު މަދުވުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް، މިއީ ލީގުގެ ފުރަތަމަ ކުރިމަތިލުމަށް ވުމާއެކު، ފުރިހަމަ ތިން ޕޮއިންޓާ އެކު ފެށުން ނުހަނު މުހިންމުކަމަށް އޭނާ ވަނީ ބުނެފައެވެ.
މިއަދުގެ މެޗަކީ ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގައި ވެސް އައު ސަފުހާއެއް ލިޔެވިގެންދާނެ މެޗެކެވެ. ސަބަބަކީ، މިއީ މާލެ ފިޔަވައި އެހެން ރަށެއްގައި ހޯމް އެންޑް އަވޭ އުސޫލުން މަތީ ލީގުގެ މެޗެއް ކުޅޭ ފުރަތަމަ ފަހަރަށް ވުމެވެ. ފާއިތުވި ސީޒަނުގެ ކޮލިފައިން ކާމިޔާބުކޮށް، ގައްދޫގެ އިތުރުން ދިއްދޫ ވެސް ވަނީ މިއަހަރުގެ ޕްރިމިއަރ ލީގުން ޖާގަ ކަށަވަރުކޮށްފައެވެ. އެހެންކަމުން، މި ޓީމުތަކުގެ އަމިއްލަ ރަށުގައި ހޯމް މެޗުތައް ކުރިއަށްދާނެއެވެ.
މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ނިއުރޭޑިއަންޓް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ހަމައެކަނި މާޒިޔާއާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑް އަދި ކަޕް ވިނާސް ކަޕްގެ ފައިނަލްގައެވެ. މިއަދު ހަވީރު 4:00ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ މެޗު، ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.