ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފަހު މެޗްގައި ގައްދޫއިން ގްރީން ބަލިކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ބުރުގައި މިރޭ ކުޅުނު މެޗުގައި ކުލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ގދ. ގައްދޫން ތާވަލުގެ ތިންވަނަ މަގާމަށް ޖެހިލައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ގައްދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މި މެޗުގައި ގައްދޫން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ވަހީބް ތަހުރާއެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ އަޙްމަދު ރިފްޝާން އާއި އަލީ މުޙައްމަދެވެ. މި މޮޅާއެކު ގައްދޫން ވަނީ ކުޅުނު ފަސް މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފައެވެ.

ކޮލިފައިންގެ ތާވަލަށް ބަލާއިރު، އެއްވަނައިގައި އޮތް ބިސް ބުރު ސްޕޯޓްސް ކުލަބާއި ދެވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ 10ޕޮއިންޓެވެ. ނަމަވެސް ބިސް ބުރަށް ބާކީ އެއް މެޗު އެބައޮތެވެ. ހަތަރުވަނައިގައި ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ހއ. ދިއްދޫ އޮތްއިރު، ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ފަސް މެޗުން ލިބުނީ ދެ ޕޮއިންޓެވެ. ތާވަލުގެ ފުލުގައި އޮތީ ފަސް މެޗުން އެއް ޕޮއިންޓް ލިބުނު ކ. ހުރާއެވެ.

މިއީ މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުންނާއެކު ކުރިއަށްދާ މުބާރާތެކެވެ. ކޮލިފައިންގެ ފަހު މެޗުތަކަށް ދިޔައިރު، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދާނެ ހަތަރު ޓީމެއް ވަނީ ކަށަވަރުވެފައެވެ. އެއީ ލީގުގެ ޖާގަ ދެމެހެއްޓި ޓީސީގެ އިތުރުން، އަލަށް ކޮލިފައިވި ބިސް ބުރު، ދިއްދޫ އަދި ގައްދޫއެވެ.

މި މުބާރާތުގައި ވާދަކުރަނީ ސައުތު ރީޖަންގެ ޗެމްޕިއަން ގައްދޫގެ އިތުރުން، ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ހުރާ، ނޯތު ރީޖަންގެ ޗެމްޕިއަން ދިއްދޫ، މާލެ ރީޖަންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު، އަދި މިދިޔަ ސީޒަނުގެ ލީގުގެ ހަތްވަނަ އަދި އަށްވަނަ ހޯދި ޓީސީ އާއި ގްރީން ސްޓްރީޓްސްއެވެ. ކޮލިފައިން ބުރުގެ ފަހު މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ދިއްދޫ އާއި ބިސް ބުރެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު