ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޓީސީ ބަލިކޮށް ޕްރިމިއާ ލީގުގެ ފަހު ޖާގަ ގައްދޫން ހޯދައިފި

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދި ފަހު ޓީމަކަށް ގދ. ގައްދޫ ވެއްޖެއެވެ.

ގައްދޫން މި ޖާގަ ކަށަވަރުކުރީ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ކޮލިފައިން މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 1-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހައި، ގައްދޫ މޮޅުކޮށްދިނީ ޑޮނާލިއޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 76ވަނަ މިނެޓުގައެވެ. މި މޮޅާ އެކު ގައްދޫ ވަނީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައި ތާވަލުގެ ހަތަރުވަނަ މަގާމާއެކު ލީގުގެ ޖާގަ ކަށަވަރުކޮށްފައެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން ކުރިއަށްދާ މި ކޮލިފައިން ބުރުގައި ޖުމްލަ ހަ ޓީމެއް ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހަތަރު ރީޖަނެއްގެ ޗެމްޕިއަނުން ކަމަށްވާ ސައުތު ރީޖަންގެ ގދ. ގައްދޫ، ސެންޓްރަލް ރީޖަންގެ ކ. ހުރާ، ނޯތު ރީޖަންގެ ހއ. ދިއްދޫ އަދި މާލޭ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގެ ހަތްވަނަ އަދި އަށްވަނަ ހޯދި ޓީސީ އާއި ކުލަބު ގްރީން ސްޓްރީޓްސް ވެސް މި ބުރުގައި ވާދަކުރެއެވެ.

މި ބުރުން އެންމެ ކުރި ހޯދާ ހަތަރު ޓީމަށް ލީގުން ޖާގަ ލިބޭއިރު، ގައްދޫގެ އިތުރުން ދެން ލީގަށް ކޮލިފައިވީ ބިސް ބުރާއި، ޓީސީ އަދި ދިއްދޫއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ބިސް ބުރަށް ހަތރު މެޗުން 10ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޓީސީ އަދި ތިންވަނައިގައި އޮތް ދިއްދޫއަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. މި ނަތީޖާތަކާ އެކު ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާއި ފުލުގައި އޮތް ހުރާއަށް ވަނީ ލީގުގެ ފުރުސަތު ގެއްލިފައެވެ. ގްރީން ސްޓްރީޓްސްއަށް ހަތަރު މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ހުރާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮލިފައިން ބުރުގެ ކުރިއަށް ހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ހުރާ އާއި ޓީސީ ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ގައްދޫއާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު