ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި މިއަދު ހަވީރު ކުޅުނު މެޗުން ކ. ހުރާ ބަލިކޮށް، ތާވަލުގެ އެއްވަނަ މަގާމަށް ހއ. ދިއްދޫ ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ދިއްދޫން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ބެނާޑް ވަނީ ހެޓްރިކެއް ހަދާފައެވެ.
މެޗު ފަށައިގެން ފުރަތަމަ 12މިނެޓުގެ ތެރޭގައި ދިއްދޫން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެނާޑް ވަނީ އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދީފައެވެ. މިއީ އޭރިއާ ތެރެއިން ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ސެއިންޓް ގުމްބާރީއަށް ހުރާގެ ގޯލްކީޕަރު މުހައްމަދު މާއިލް މޫސާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އޭގެ ފަހުން މެޗުގެ 12ވަނަ މިނެޓުގައި ބެނާޑް ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 27ވަނަ މިނެޓުގައި ސާދު އަބްދުލްއަޒީޒް އިބްރާހީމް ވަނީ ހުރާއަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ދިއްދޫގެ ޖެރީ އޮމްބެބޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ހުރާގެ ސާދުއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެހެން ނަމަވެސް، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ދިއްދޫން ވަނީ މެޗުގެ އިތުރު ވަގުތުގައި އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު ޖަހައި މެޗުގައި ހެޓްރިކް ފުރިހަމަކުރީ ވެސް ބެނާޑެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން ކުރިއަށްދާ މި ކޮލިފައިން ބުރުގައި ވާދަކުރަނީ ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުންނާއި، ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އަދި އަށްވަނަ ހޯދި ދެ ޓީމެވެ. އެއީ ސައުތު ރީޖަންގެ ޗެމްަން ގދ. ގައްދޫ، ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބު، އަދި ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސްއެވެ.
މުޅިއެކު ހަ ޓީމު ވާދަކުރާ މި ކޮލިފިކޭޝަން ބުރުން އެންމެ ކުރި ހޯދާ ހަތަރު ޓީމަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ.
މި މެޗުން ލިބުނު މޮޅާއެކު ދިއްދޫ ތާވަލުގެ އެއްވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބިސް ބުރާއި ތިންވަނައިގައި އޮތް ޓީސީއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ގައްދުއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ހުރައާއި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ހުރާއިން ތިން މެޗު ކުޅެފައިވާއިރު ގްރީން ސްޓްރީޓްސް ކުޅެފައިވަނީ ދެ މެޗެވެ.
ކޮލިފައިންގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސްއާއި ޓީސީއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.