ކްލަބް ގްރީން ސްޓްރީޓްސްގެ ހެޑް ކޯޗުގެ މަގާމުން ވަކިވާން ނިންމި ނިންމުން އަލީ ނިސްތާރު މުޙައްމަދު ބަދަލުކޮށް، އެ ކުލަބުގައި ދެމިހުރުމަށް ނިންމައިފިއެވެ.
ގްރީންއާ އެކު ހަ އަހަރު ހޭދަކުރުމަށް ފަހު މަގާމުން ވަކިވާން އުޅޭކަން ނިސްތާރު އެންމެ ފުރަތަމަ އިއުލާންކުރީ މި މަހުގެ 17ވަނަ ދުވަހު ފޭސްބުކް މެދުވެރިކޮށެވެ. ނަމަވެސް، ކުލަބުގެ މެނޭޖްމަންޓާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އޭނާ މިހާރު ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ.
ނިސްތާރު ބުނީ، ކުލަބުގައި މަޑުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ގްރީން ސްޓްރީޓްސްގެ ވައިސް ޗެއާޕާސަން މުއާވިޔަތު ހަލީލް (މުއާބެ)ގެ ހާއްސަ އެދުމަކަށް ވާތީ ކަމަށެވެ. އޭނާގެ ދިރިއުޅުމުގެ ދަތި ދުވަސްތަކުގައި މުއާވިޔަތުގެ ފަރާތުން ލިބުނު އެހީތެރިކަމާއި އޯގާތެރިކަން ހަނދާން ނައްތާނުލެވޭނެ ކަމަށާއި، އެހެންކަމުން އޭނާގެ އިލްތިމާސަށް ފުރަގަސްދޭން ބޭނުންނުވީ ކަމަށް ނިސްތާރު ހާމަކުރިއެވެ.
މީގެ ކުރިން ކުލަބު ދޫކޮށްލަން ނިންމި ސަބަބާ ގުޅޭގޮތުން ނިސްތާރު ބުނީ، ޓީމުގައި ހުރި ބައެއް މައްސަލަތައް ހައްލުކޮށްދިނުމަށް އެދުމުން ވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާތީ ކަމަށެވެ. ނަމަވެސް، މުއާވިޔަތުއާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އެ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ނިސްތާރު ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ހަވާލުވީ 2020ވަނަ އަހަރު، އޭރުގެ ކޯޗު އަލީ ސުޒެއިން މަގާމުން ވަކިވުމާ ގުޅިގެންނެވެ. މީގެ ކުރިން ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމަށް ވެސް ކޯޗުކޮށްދީ، ފާހަގަކޮށްލެވޭ މޮޅު މަސައްކަތްތަކެއް ކޮށްފައިވާ ނިސްތާރުގެ އިރުޝާދުގެ ދަށުން، ގްރީންއިން މިދިޔަ ސީޒަން ނިންމާލީ ތާވަލުގެ 8 ވަނައިގައެވެ.
އެއް ކުލަބެއްގައި ކޯޗެއްގެ ގޮތުގައި މިހާ ދިގު މުއްދަތެއް ހޭދަކުރުމަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއްކަން ފާހަގަކޮށް، ނިސްތާރު ވަނީ ގްރީންއާ އެކު ކުރެވުނު ދަތުރަށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.