ދިވެހި ޕްރިމިއަރ ލީގް ކޮލިފިކޭޝަންގައި ، އެ ލީގުން ކޮލިފިކޭޝަންއަށް ސޮއްސައިލި ދެ ޓީމްގެ ކުރިމަތިލުން ޓީސީން ކާމިޔާބުކޮށްފިއެވެ.
ގަލޮޅުދަނޑުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ޓީސީ މިރޭ ކުޅުނު މެޗް ކާމިޔާބުކުރީ 3-0ގެ ފަސޭހަ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ 1-0ގެ ނަތީޖާއަކުންނެވެ. ނަމަވެސް ފަހުހާފްގެ ފަހު 10 މިނެޓް ތެރޭގައި ޓީސީއިން ވަނީ ގާތްގާތުގައި ދެ ގޯލް ޖަހައި ފަރަގު ބޮޑުކޮށްފައެވެ.
ޕްރިމިއަރ ލީގް ކޮލިފައިންގައި ވާދަކުރަނީ ޖުމްލަ ހަ ޓީމެވެ. އެއީ ލީގުގެ ފުލަށް ދިޔަ ދެ ޓީމާއި ހަތަރު ރީޖަންގެ ހަތަރު ޗެމްޕިއަނުންނެވެ.
މިރޭގެ މެޗާ އެކު ދެކުނުގެ ޗެމްޕިއަން ގައްދޫއާއި މާލެ ރީޖަންގެ ޗެމްޕިއަން ބިސްބުރު ނޫން ކޮންމެ ޓީމެއް ތިން މެޗް ހަމަކުރިއިރު ޓީސީ މިވަނީ ތާވަލްގެ އެންމެ ކުރިއަށް ޖެހިފައެވެ. ލީގު އުޞޫލުން ކުޅޭ މި ކޮލިފައިން ބުރުގައި ޓީސީ މިހާރު އެއްވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. އަދި ދިއްދޫ 6 ޕޮއިންޓާ އެކު ދެވަނައިގައި އޮތްއިރު ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓް އޮތް ބިސްބުރެވެ. އަދި ގައްދޫއަށް ތިން ޕޮއިންޓް ލިބި ފަސް ޕޮއިންޓްގައި އޮތް އިރު ފުލުގައި އޮތް ގްރީންއަށް އަދި ލިބުނީ އެއް ޕޮއިންޓެވެ. މިއާ އެކު އަނެއް ތިން މެޗުން ރަނގަޅު ނަތީޖާއެއް ނެރެން އެ ޓީމަށް މި ވަނީ މަޖުބޫރުވެފައެވެ.
ޕްރިމިއަރ ލީގަށް ކޮލިފައި ވަނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.
ކޮލިފިކޭޝަންގައި މާދަމާ ހަވީރު ބައްދަލުކުރާނީ ބިސްބުރާއި ގައްދޫއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.