ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބިސްބުރުގެ ކޯޗް މަގާމުން ވަކިވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުން އަންނަ ބިސްބުރު ސްޕޯޓްސް ކުލަބުގެ ކޯޗުކަމުގެ މަގާމުން، އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ މުޙައްމަދު އިހުސާން ސަޢީދު (ލިއުބީ) ވަކިވެއްޖެއެވެ.

ބިސްބުރާއެކު ލިއުބީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، އެ އެއްބަސްވުން އިތުރަށް އައުނުކުރަން ނިންމާފައިވާކަން އޭނާ ވަނީ "ޕީއެސްއެމް ނިއުސް"އަށް ކަށަވަރުކޮށްދީފައެވެ.

ލިއުބީ ބުނި ގޮތުގައި މި ނިންމުމަކީ ކުލަބުގެ މެނޭޖުމަންޓާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތިން ނިންމި ނިންމުމެކެވެ. އޭނާގެ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަމުން ލިއުބީ ބުނީ، ކުރިއަށް އޮތް އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ބައެއް ޓީމުތަކުން އޭނާއަށް ހުށަހެޅުންތައް ލިބެމުންދާ ކަމަށެވެ. އަދި އެ ހުށަހެޅުންތަކާ މެދު ވިސްނަމުންދިޔަ ނަމަވެސް، މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިއުބީގެ އިރުޝާދުގެ ދަށުން ބިސްބުރުން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އެ ކުލަބުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ނުވަތަ މާލޭ ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދުމެވެ. މީގެ އިތުރުން، ދިވެހި ލީގު ކޮލިފިކޭޝަންގެ ދެވަނަ މަގާމު ކަށަވަރުކޮށް، އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން އެ ކުލަބަށް ވަނީ ފުރުސަތު ހޯދައިދީފައެވެ.

ބިސްބުރުގެ އިތުރުން ލިއުބީއަކީ ރާއްޖޭގެ ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ މަތީ ފަންތީގެ ތަޖުރިބާކާރު ކޯޗެކެވެ. އޭނާއަކީ ރާއްޖޭގައި ފުޓްސަލް ކޯޗިންގެ އެންމެ މަތީ ލައިސެންސް ހާސިލުކޮށްފައިވާ ދެ ކޯޗުންގެ ތެރެއިން އެކަކެވެ. ޤައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ލިއުބީގެ އިރުޝާދުގެ ދަށުން ގިނަ ޓީމުތަކަކުން ވަނީ ފުޓްސަލްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު