ކްލަބް މޯލްޑިވްސްއިން އަލަށް ތައާރަފުކޮށްގެން ކުރިއަށްގެންދާ 15އަހަރުން ދަށުގެ އެކެޑަމީތަކުގެ ފުޓްސަލް މުބާރާތް، ކިޑްސަލް 2026ގައި މިއަދު ކުޅުނު ފޯރިގަދަ މެޗުތަކުން ވިލިމާލެ ޔުނައިޓެޑާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ބިސް ބުރު ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތެވެ.
މުޅިއަކު 10ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިލިމާލެ ޔުނައިޓެޑުން ވަނީ ސްޓާސް އެކެޑަމީގެ މައްޗަށް 5-0ގެ ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި ވިލިމާލޭގެ އިލާން ހަސަން ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ މުޙައްމަދު އާކިލް ޔާމީންއާއި ސައްޔާފް ބިން އަލީއެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ބީޖީ ސްޕޯޓްސް އާއި ކްލަބް ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ. ބީޖީގެ ލަނޑުތައް މިސްކް ބިން އިބްރާހީމް ސުހައިލްއާއި ހުސައިން ރިހާން ގާސިމް ޖެހިއިރު، ވެލެންސިއާގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އިބްރާހީމް އިޔާސް ބިން ހަސަނެވެ.
މި ނަތީޖާތަކާ އެކު ގްރޫޕް އޭގެ އެއްވަނައިގައި ވެލެންސިއާ އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެލީޓް އެކެޑަމީއާއި ތިންވަނައިގައި އޮތް ވިލިމާލެއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ބީޖީއަށް ދެ މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އަދި ދެ މެޗުންވެސް ބަލިވި ސްޓާސް އެކެޑަމީ އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައެވެ.
ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުން ނިއު ރޭޑިއަންޓް މޮޅުވީ ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކްލަބް (އެޗްވައިއެސްސީ)އާ ވާދަކޮށް 4-3ގެ ނަތީޖާއަކުންނެވެ. ނިއު ރޭޑިއަންޓަށް ރާއިޝް ރަމީޒް ދެ ލަނޑު ޖަހައިދިންއިރު، އަނެއް ލަނޑުތައް ޖެހީ މުޙައްމަދު އަޒްހާން އަލީ އާއި ޔޫސުފް ލާއިގު އިބްރާހީމެވެ. އެޗްވައިއެސްސީގެ ލަނޑުތައް ޖެހީ ހަމީސް ބިން އަބްދުލް ހަމީދާއި، މުޙައްމަދު ޝަހުމް ބިން އިބްރާހީމް ރަމީޒް އަދި އިބްރާހީމް އަބާން އަޒްލިފެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ބިސް ބުރުން ވަނީ 3-1އިން އެޑްވެންޗަރސް އެކެޑަމީ ބަލިކޮށްފައެވެ. ބިސް ބުރުގެ ލަނޑުތައް ޔޫސުފް ކާއިން އާމިރާއި، އަލްޔާން ބިން އަލީ އިމްރާން އަދި އަޒްޔާން މުޙައްމަދު ޝިޔާމް ޖެހިއިރު، އެޑްވެންޗަރސްގެ ހަމައެކަނި ލަނޑު ޖެހީ އަބްދުالله ރިޒާނެވެ.
މި ގްރޫޕުގެ އެއްވަނައިގައި ނިއު ރޭޑިއަންޓް އޮތްއިރު، ދެވަނައިގައި އޮތީ ބިސް ބުރެވެ. އަދި ތިންވަނައިގައި އެސްޕަޔަރ އެކެޑަމީ އޮތްއިރު، މި ތިން ޓީމަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މީގެ ތެރެއިން ބިސް ބުރު ދެ މެޗު ކުޅެފައިވާއިރު، އަނެއް ދެ ޓީމު ކުޅުނީ އެންމެ މެޗެކެވެ. ގްރޫޕުގެ ހަތަރުވަނައިގައި އޮތް އެޗްވައިއެސްސީއާއި ފުލުގައި އޮތް އެޑްވެންޗަރސްއަށް ދެ މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ހަވީރެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.