ފިލަޑެލްފިއާގައި ކުޅުނު މެޗުގައި ކުރިން ވެސް ކޮލިފައިވެފައިވާ ގާނާގެ މައްޗަށް ކުރިހޯދައި، ނިކޮލާ ވްލަސިޗް ފަހު ވަގުތު ބޮލުން ކާމިޔާބުކުރި ލަނޑާ އެކު ކްރޮއޭޝިއާއިން ވޯލްޑް ކަޕްގެ ގަދަ 32އިން ޖާގައެއް ކަށަވަރުކޮށްފިއެވެ.
ޒްލަޓްކޯ ޑާލިޗްގެ އިރުޝާދުގެ ދަށުން ކުޅޭ ކްރޮއޭޝިއާއަށް ނޮކްއައުޓް ބުރަށް ދިއުމަށް ޓަކައި ބްލެކް ސްޓާސް (ގާނާ) އަތުން ބަލިނުވެ ފަރުޖައްސާލަން ޖެހިފައި އޮތް ނަމަވެސް، މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ވްލަސިޗް ކާމިޔާބުކުރި ލަނޑާ އެކު އެޓީމު ވަނީ ގްރޫޕް އެލްގެ ދެވަނަ ޓީމުގެ ގޮތުގައި ކޮލިފައިވެފައެވެ. މި ގްރޫޕްގެ އަނެއް މެޗުގައި އިންގްލެންޑުން ވަނީ ޕެނަމާ ބަލިކޮށްފައެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ގާނާގެ ޑިފެންޑަރު ޑެރިކް ލުކާސެން ވަނީ، ފުރަތަމަ ހާފުގައި ޕެޓާ ސޫސިޗް ކާމިޔާބުކުރި ހިތްގައިމު ލަނޑުން ކްރޮއޭޝިއާއަށް ލިބިފައި އޮތް ލީޑު އެއްވަރުކޮށްދީފައެވެ. ނަމަވެސް ބްލެކް ސްޓާސްއަށް މެޗުން ޕޮއިންޓެއް ހިފަހައްޓާނުލެވުނުއިރު، އެޓީމު ގަދަ 32އަށް ދާނީ ތިންވަނަ ހޯދި އެންމެ މޮޅު ޓީމުތަކުގެ ތެރެއިން ޓީމެއްގެ ގޮތުގައެވެ.
ކްރޮއޭޝިއާގެ މި މޮޅާއެކު، ނޮކްއައުޓް ބުރަށް ދިއުމަށް ސްކޮޓްލޭންޑުން ކުރަމުންދިޔަ އުންމީދުތައް ވަނީ މުޅިން ފެނަށް ގޮސްފައެވެ.
2018 ވަނަ އަހަރުގެ ފައިނަލިސްޓުން އަދި އޭގެ ހަތަރު އަހަރު ފަހުން ސެމީ ފައިނަލުގައި ކުޅުނު ކްރޮއޭޝިއާއިން ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ވްލަސިޗް ދުރުން ފޮނުވާލި ބާރު ހަމަލާ، ގާނާގެ ގޯލްކީޕަރު ބެންޖަމިން އަސާރޭގެ ކަނާތްފަރާތު ދަނޑީގެ ބޭރު ކައިރިން ގޮސް ބޭރުވިއިރު އެޓީމުން ލީޑު ނެގުމާ ގާތަށް ދިޔައެވެ.
ނަމަވެސް، ޑާލިޗްގެ ޓީމުން ހައްގު ލީޑެއް ހޯދީ އިންޓަ މިލާނުގެ މިޑްފީލްޑަރު ސޫސިޗް، މާޓެއޯ ކޮވަސިޗް ދިން ޕާހަކުން ބޯޅަ ހޯދައި، ލުކާސެންގެ ފައިދަށުން ފޮނުވާލި ތިރިތިރި ބާރު ހަމަލާއެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.
ފުރަތަމަ ހާފު ނިމެން ދަނިކޮށް މެންޗެސްޓަރ ސިޓީގެ ވިންގަރ އެންޓޮއިން ސެމެންޔޯ ފޮނުވާލި ތިރި ހަމަލާއެއް ދަނޑި ކައިރިން ބޭރަށް ދިޔަ ނަމަވެސް، އެއީ ކާލޮސް ކުއިރޯޒްގެ ޓީމަށް ހައްގު އެއްވަރުވުމަކަށް ނުވީހެވެ. އެޓީމުން ވަނީ ޖެހިޖެހިގެން ތިންވަނަ މެޗުގައި ވެސް ފުރަތަމަ ހާފުގައި ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވޭ ގޮތް ނުވެފައެވެ.
ނަމަވެސް، ދެވަނަ ހާފު ފެށުމުގެ ގޮތުން ލެސްޓަރ ސިޓީގެ ވިންގަރ އަބްދުލް ފަޓާވު ކުޅެން އެރުވުމާ އެކު ބްލެކް ސްޓާސްގެ ކުޅުން ރަނގަޅުވިއެވެ. އޭނާ ވަނީ ކުޅެން އެރިތާ މާގިނަ އިރެއް ނުވެ ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ފޮނުވާލާފައެވެ.
ދެވަނަ ހާފުގައި ގާނާގެ ކުޅުން ރަނގަޅުކުރުމުގެ ނަތީޖާއަކަށްވީ، އާނެސްޓް ނުއަމާ ހުރަސްކޮށްދިން ބޯޅައެއް ލުކާސެން ބޮލުން ގޯލަށް ވައްދާލުމެވެ. މި ލަނޑު ގަބޫލުކުރީ އޮފްސައިޑް ހުރިތޯ ބެލުމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)އިން ގާތްގަނޑަކަށް ހަތަރު މިނެޓު ވަންދެން ޗެކްކުރުމަށްފަހުއެވެ.
ނުއަމާ ހުރަސްކޮށްދިން ބޯޅަ ލިބުނުއިރު ކުވާސީ ސީބޯ ހުރީ އޮފްސައިޑް މަގާމެއްގައެވެ. ނަމަވެސް ދަނޑުގައި ހުރި ރެފްރީ ޑްރޫ ފިޝާ ފަހުން ވަނީ، ބޯޅަ ފޮނުވާލިއިރު ގާނާގެ 8 ނަންބަރު ކުޅުންތެރިޔާ ކުޅުމަށް ނުފޫޒު ފޯރުވާފައި ނުވާތީ އެއީ ސައްހަ ލަނޑެއް ކަމަށް ނިންމައި، އެކަން ދަނޑުގައި ތިބި ސަޕޯޓަރުންނަށް އަންގާފައެވެ.
މެޗުގެ ފަހު 10 މިނެޓަށް އެޅުނުއިރު މެޗުގެ ކޮންޓްރޯލް ގާނާ އަތުގައި އޮތްހެން ހީވި ނަމަވެސް، މާރިއޯ ޕަސާލިޗް ފޮނުވާލި ނުރައްކާތެރި ހަމަލާ އަސާރޭ އެއް އަތުން ދިފާއުކުރިއެވެ. އެއަށް ފަހު ލޫކާ މޮޑްރިޗް ނަގައިދިން ކޯނަރަކުން ވްލަސިޗް ބޮލުން ގޯލަށް ބޯޅަ ވައްދާލައިގެން ކްރޮއޭޝިއާއަށް ގްރޫޕް އެލްގައި ދެވަނަ މޮޅު ހޯދައިދިނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.