ވޯލްޑްކަޕްގައި ޕޯޗުގަލްއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގައި ކްރޮއޭޝިއާގެ ލަނޑެއް ވީއޭއާރްއިން ކެންސަލްކުރުމުން، އެއީ ޕޯޗުގަލްއާއި ރޮނާލްޑޯ ސަލާމަތްކުރަން ކުރި ކަމެއް ކަމަށް ބުނެ އިބްރަހިމޮވިޗް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމެން ދަނިކޮށް، 94ވަނަ މިނެޓުގައި ގޮންސާލޯ ރާމޯސް ޖެހި ލަނޑުން ޕޯޗުގަލް 2-1އިން ކުރިހޯދިއެވެ. ނަމަވެސް، އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޔޮސްކޯ ގްވާޑިއޯލް ވަނީ ކްރޮއޭޝިއާ ސަލާމަތްކޮށްދިން ކަމަށް ބެލެވުނު އެއްވަރުވި ލަނޑު ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)އިން ވަނީ ބަހުސް ބޮޑުވި ނިންމުމަކާ އެކު އެ ލަނޑު ކެންސަލްކޮށްފައެވެ. ފީފާއިން ބުނި ގޮތުގައި ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީން ދެއްކި ގޮތުގައި އިގޯ މާޓަނޮވިޗްގެ ފައިގައި ބޯޅަ ކުޑަކޮށް ކޭއްތިފައިވެއެވެ. ނަމަވެސް ބްރޯޑްކާސްޓް ރީޕްލޭތަކުން އެކަން ސާފެއް ނުވެއެވެ.
އިބްރަހިމޮވިޗްގެ ވަރުގަދަ ހަމަލާއެއް
މި ބަހުސް ބޮޑު ނިންމުމުގެ ސަބަބުން ހިތްވަރުގަދަ ކްރޮއޭޝިއާ ޓީމަށް ލިބެން އޮތް ފުރުސަތު ގެއްލިގެން ދިޔައިރު، މިއާ އެކު އިބްރަހިމޮވިޗް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އިޓަލީގެ މީޑިއާއެއް ކަމަށްވާ ގައްޒެޓާއަށް ދިން އިންޓަވިއުއެއްގައި، ފޮކްސް ސްޕޯޓްސްގެ ޕަންޑިޓެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރަހިމޮވިޗް ވަނީ ބޭނުންކުރި ޓެކްނޮލޮޖީގެ ސައްހަކަމާ މެދު ސުވާލު އުފައްދައި، ފުޓްބޯޅައިގެ އިދާރާތަކުން ބޭނުންވީ ގަދަ 16ގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރާ މެޗެއް ބޭއްވުމަށް ކަމަށް ތުހުމަތުކޮށްފައެވެ.
"އެއީ ވަރަށް މޮޅު މެޗެއް، އެކަމަކު ފަހު ވަގުތު ވީއޭއާރްއިން މެޗު ހަލާކުކޮށްލީ. 2-2އިން އެއްވަރުވި ލަނޑުގައި ގަވާއިދާ ހިލާފު އެއްވެސް ކަމެއް އަހަންނަކަށް ނުފެނުނު. ވީއޭއާރްއިން އެ ލަނޑު ކެންސަލް ކުރި ނަމަވެސް، އަހަންނަށް އެއީ ފޭރުމެއް. ބޯޅައިގައި ހުރި ސެންސަރު މަސައްކަތް ނުކުރަނީ ނުވަތަ ކޮންމެވެސް ކަމެއް ގޯސްވީ. ސަބަބަކީ ރެނާޓޯ ވޭގާ ބޯޅައިގައި އަތްލި، އެހެންވީމާ އެތަނުގައި އޮފްސައިޑެއް ނެތް. އެންގަލް ބަލާލާ: ކްރޮއޭޝިއާގެ 20ނަންބަރު ކުޅުންތެރިޔާ ބޯޅައިގައި ޓަޗެއް ނުކުރޭ، އަދި ބޯޅަ ދިޔަ މިސްރާބަކަށް ވެސް ބަދަލެއް ނާދޭ. ބޯޅައިގައި އަތްލީ ޕޯޗުގަލްގެ 13ނަންބަރު(ވޭގާ)!" އިބްރަހިމޮވިޗް ބުންޏެވެ.
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް
ސްވިޑަންގެ ލެޖެންޑް އޭނާގެ ވާހަކަ އިތުރަށް ތަފްސީލުކޮށްދެމުން ބުނީ، ނޮކައުޓް މެޗެއްގެ ފަހު ސިކުންތުކޮޅުގައި މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު 100އިންސައްތަ ޔަގީންކަން އޮންނަންޖެހޭނެ ކަމަށެވެ. އޭނާ ތުހުމަތުކުރި ގޮތުގައި މުބާރާތުގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޕޯޗުގަލް ބޭއްވުމަށްޓަކައި އިދާރީ ފަރާތްތަކުން ވަނީ ވަކި ގޮތަކަށް ކަންކަން ނިންމާފައެވެ.
"އިދިކޮޅު ކުޅުންތެރިޔަކު ބޯޅައިގައި ޓަޗްކުރުމުން، ކުއްލިއަކަށް ކްރޮއޭޝިއާގެ ލަނޑު ޖެހި ކުޅުންތެރިޔާ އޮފްސައިޑްވީ؟ މިއީ ހަމަޖެހޭ ކަމެއް ނޫން! މުކްރޮއޭޝިއާގެ ކުޅުންތެރިންނަށް މި ވޯލްޑް ކަޕްގައި ލިބެން އޮތް ހުވަފެނީ ވަގުތުކޮޅު މިވަނީ ނަގާލާފައި. 90ވަނަ މިނެޓުގައި ޖަހާ ލަނޑެއް ކެންސަލްކުރަންވާނީ އެ ނިންމުން ސައްތައިން ސައްތަ ސާފުވެގެން. މިތަނުގައި އެކަން އެގޮތަކަށް ނޫން އޮތީ. މިއީ ރެފްރީކަން ކުރުމެއް ނޫން. މިއީ ސީދާ ވައްކަމެއް. އަހަންނަށް ވަރަށް ސާފު، އެމީހުން (ފީފާ)ބޭނުންވީ ޕޯޗުގަލ އާއި ރޮނާލްޑޯ ގަދަ 16އަށް ގޮސް ސްޕެއިނާ ދެކޮޅަށް ކުޅެން" އިބްރަހިމޮވިޗް އިތުރަށް ބުންޏެވެ.
އައިބީރިއަންގެ ބޮޑު ކުރިމަތިލުމެއް ކުރިއަށް
ޕޯޗުގަލްއިން މިހާރު ރެފްރީންގެ މައްސަލަތަކާ ދުރަށްޖެހި، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށް ކުޅޭ ގަދަ 16ގެ ބޮޑު މެޗަށް ތައްޔާރުވާން ޖެހެއެވެ. ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅޭ ޕޯޗުގަލް ޓީމުން ދެވަނަ ހާފުގައި ހިތްވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، ޓެކްސަސްގައި އެމީހުންނަށް ކުރިމަތިވާނީ މިއަށް ވުރެ މާ ވަރުގަދަ އިމްތިހާނެކެވެ. ޕޯޗުގަލް އަށް ސްޕެއިންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭނީ، ފަހު ވަގުތު ބަދަލުކުރުމުން މާޔޫސްވެފައި ހުރި ރޮނާލްޑޯގެ އެންމެ މޮޅު ކުޅުން އަލުން ހޯދައިދީގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.