ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ރޮނާލްޑޯ "ބިސްމި"ކިޔުން ގިނަ ބައެއްގެ ސަމާލުކަމަށް

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް މޮޅުވި މެޗުގައި، ނަތީޖާ ހަމަހަމަކުރުމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ތާރީޚީ ޕެނަލްޓީ ފޮނުވާލުމުގެ ކުރިން އޭނާ ދެ ފަހަރަށް "ބިސްމި"ކިޔުމުން މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

މުބާރާތުގެ ގަދަ 16އިން ޖާގަ ހޯދުމަށް ކުޅުނު މި ފޯރިގަދަ މެޗު 2-1ގެ ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކުރިއިރު، އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ އުމުރުން 41އަހަރުގެ ރޮނާލްޑޯއެވެ. ކްރޮއޭޝިއާއިން ލީޑު ނަގާފައި ވަނިކޮށް، ޕޯޗުގަލްގެ ރެނާޓޯ ވެއިގާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި މުހިންމު ޕެނަލްޓީ ޖަހަން ތައްޔާރުވި ވަގުތު، ވަރަށް ބޮޑަށް ޕްރެޝަރުގައި ހުރެ ރޮނާލްޑޯ "ބިސްމިﷲ"ކިޔާ މަންޒަރު ޓީވީ ސްކްރީންތަކުން ވަނީ ފެނިފައެވެ.

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަޞްރަށް މިހާރު ކުޅެމުން އަންނަ ތަރި، މީގެ ކުރިން ވެސް ބައެއް މުހިންމު ކަންކަން ކުރުމުގެ ކުރިން ބިސްމި ކިޔާ މަންޒަރު ފެނިފައިވެއެވެ. އަދި ބޮޑެތި ކާމިޔާބީތަކަށް ފަހު މާތް ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން "އަލްޙަމްދުލިﷲ"ކިޔާފައިވާކަން ވެސް މީޑިއާތަކުގެ ސަމާލުކަމަށް މީގެ ކުރިން އައިސްފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ ހަވަނަ އެޑިޝަނެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ރޮނާލްޑޯ، މި މުބާރާތަށް ފަހު ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔާކުރާނެކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މި މުބާރާތުގައި ކުރިއަށް ދިއުމަށް ޕޯޗުގަލްއަށް ދެން އޮތީ އުނދަގޫ އިމްތިހާނެކެވެ. މުބާރާތުގެ ގަދަ 16ގައި އެ ޓީމު ނުކުންނަން ޖެހޭނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު