ނިމިދިޔަ ފީފާ ވާލްޑް ކަޕަށް ފަހު ގާނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އަމިއްލައަށް އިސްތިއުފާދިން ތަޖުރިބާކާރު ކޯޗު ކާލޯސް ކުއިރޯޒް، އަލުން އެ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހަމަޖައްސައިފިއެވެ.
ގާނާގެ ފުޓްބޯޅަ އެސޯސިއޭޝަން (ޖީއެފްއޭ)އިން ހާމަކުރި ގޮތުގައި، އުމުރުން 73އަހަރުގެ ކުއިރޯޒްއާ އެކު މިހާރު ވަނީ އާ އެއްބަސްވުމަކަށް އާދެވިފައެވެ. އަދި ކުރިއަށް އޮތް ބައިނަލްއަގުވާމީ މެޗުތަކުގެ ބްރޭކުގައި އޭނާ ރަސްމީކޮށް ޓީމުގެ މަސައްކަތްތަކާ ހަވާލުވާނެއެވެ.
ކުއިރޯޒް އަލުން މަގާމަށް އައްޔަންކުރަން ނިންމި ސަބަބާ ގުޅޭގޮތުން ގާނާގެ އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާގެ ބައިނަލްއަގުވާމީ ބޮޑު ތަޖުރިބާއާއި ޓެކްނިކަލް ގާބިލުކަމުގެ އިތުރުން ގާނާގެ ޓީމު އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ޓީމު ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވާ މީހަކީ އޭނާ ކަމަށް އެސޯސިއޭޝަނުން ގަބޫލުކުރެއެވެ.
"ކުއިރޯޒްގެ ބައިނަލްއަގުވާމީ ބޮޑު ތަޖުރިބާއާއި ޓެކްނިކަލް ގާބިލުކަމުގެ އިތުރުން ގާނާ ޓީމު ދަންނަ މިންވަރަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި ޓީމު ކުރިއަށް ގެންދަން އެންމެ އެކަށީގެން ވަނީ އޭނާ ކަމަށް ޖީއެފްއޭ އިން ގަބޫލުކުރޭ"
ކުއިރޯޒް އެންމެ ފުރަތަމަ ގާނާގެ ގައުމީ ޓީމާ ހަވާލުވީ ވާލްޑް ކަޕް ފެށެން އެންމެ 72ދުވަހަށް ވެފައި ވަނިކޮށެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުރި އޮޓޯ އަޑޯ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެފަހަރު ލިބުނު ކުރު މުއްދަތުގެ ތެރޭގައި ވެސް ކުއިރޯޒް ވަނީ ގާނާ ޓީމު ވާލްޑް ކަޕުގެ ގަދަ 32ބުރަށް ގެންގޮސްދީފަ އެވެ. ނަމަވެސް، މުބާރާތް ނިމުމާ އެކު އޭނާ ވަނީ އަމިއްލައަށް މަގާމުން ވަކިވެފައެވެ.
އޭނާއަށް އަލުން މި މަގާމު ހަވާލުކުރަން ނިންމީ ގާނާގެ ކުޅިވަރާ ބެހޭ ވުޒާރާ އާއި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. މަގާމާ ހަވާލުވުމަށް ފަހު ކުއިރޯޒްއަށް ކުރިމަތިވާނެ ފުރަތަމަ އިމްތިހާނަކީ މި މަހު ކުޅުމަށް ހަމަޖެހިފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިން މެޗުތަކެވެ. މިގޮތުން އައިވަރީ ކޯސްޓާ ދެކޮޅަށް އަމިއްލަ ދަނޑުގައްޔާއި ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.