ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގްރީން ސްޓްރީޓްސްއަކީ ދެވަނަ ޑިވިޝަނަށް ވެއްޓެންޖެހޭ ވަރުގެ ޓީމެއް ނޫން: ކޯޗު

ޝެއާ ކުރޭ Facebook Telegram Viber X

ކްލަބް ގްރީން ސްޓްރީޓްސްއަކީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވާން (ވެއްޓެން)ޖެހޭ ފަދަ ޓީމެއް ނޫން ކަމަށާއި، އެ ކްލަބުގެ މެނޭޖްމަންޓުން މިހާރަށް ވުރެ ބޮޑަށް ކުޅުންތެރިންގެ ކަންކަމަށް ސަމާލުކަންދީ އަޅާލަންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޢަލީ ނިޝްތާރު ބުނެފިއެވެ.

އޭނާ މިހެން ބުނީ ދިވެހި ޕްރެމިއާ ލީގުގެ ކޮލިފައިންގައި ރޭ ގދ. ގައްދޫއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު "ޕީއެސްއެމް ނިއުސް"އަށް ދިން އިންޓަވިއުއެއްގައެވެ.

ނިޝްތާރު ފާހަގަކުރި ގޮތުގައި ދެވަނަ ޑިވިޝަނަށް ވެއްޓުމަށް ފަހު، އަލުން އަނބުރާ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ނަމަވެސް، އެކަމަށް ޓަކައި އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކޮށްފި ނަމަ އެއީ ނުވާނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރެއެވެ. އެހެން ނަމަވެސް، މިހާރު ޓީމުގައި ތިބި މުހިންމު ކުޅުންތެރިން ދެވަނަ ޑިވިޝަނުގައި ކުޅެން ކްލަބުގައި މަޑުނުކުރާނެ ކަމަށާއި، އެހެން ކްލަބްތަކުން އެ ކުޅުންތެރިން ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

މި ސީޒަނުގައި ގްރީން ސްޓްރީޓްސްއަށް އެދެވޭ ނަތީޖާއެއް ނުނެރެވުނުކަން ހާމަކުރަމުން ނިޝްތާރު ބުނީ، އޭނާ ހިމެނޭހެން މުޅި ޓީމަށް މި ސީޒަނުގައި "ހަމަ ނުވީ"ކަމަށެވެ.

"އަޅުގަނޑަށް ހިއެއްނުވޭ މިކުދިން ތިބޭނެހެނެއް ވެސް. ހަމަ އެހެން ޓީމުތަކަށް ގެންދާނެ. ގްރީން ސްޓްރީޓްސްއަށް ދެން މި ސީޒަނުގައި ހަމަ ނުވީއޭ އަޅުގަނޑަށް ދަންނަވަން ޖެހޭނީ، އަޅުގަނޑު ވެސް ހިމެނޭ ގޮތަށް، ދެއްތޯ. ދެން ސެކަންޑުން ފަސްޓަށް އެރުމަކީ ހަމަ ވަރަށް އުނދަގޫ ކަމެއް. އެހެންވީމަ އެއަށް ވަރަށް ބޮޑު އެފޯޓެއް ލައިގެން ނުކުރެވޭ ވަރު ކަމެއް ނޫން" ނިޝްތާރު ބުންޏެވެ.

މީގެ އިތުރުން، ކްލަބުގެ ހާލަތު ރަނގަޅު ކުރުމަށް ޓަކައި މެނޭޖްމަންޓުގެ ދައުރު ބޮޑުކަން ފާހަގަކުރަމުން ނިޝްތާރު ބުނީ، ގްރީން އަކީ ދެވަނަ ޑިވިޝަނަށް ދާންޖެހޭނެ ޓީމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި ކްލަބާ ހަވާލުވެ ތިއްބެވި ވެރިން މިއަށް ވުރެ ބޮޑަށް ކުޅުންތެރިންނަށް އަޅާލަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ނިމިދިޔަ ސީޒަނުގެ އަށްވަނަ ޓީމުގެ ގޮތުގައި ގްރީން ސްޓްރީޓްސްއިން މިއަހަރުގެ ލީގު ކޮލިފިކޭޝަނާ ކުރިމަތިލީ ނަމަވެސް، އެ ބުރުގައި އެދެވޭ ކުޅުމެއް އެޓީމަށް ދެއްކިފައެއް ނުވެއެވެ. ކޮލިފިކޭޝަންގައި އެޓީމު ކުޅުނު ފަސް މެޗުން ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު