މި މަހުގެ 29އިން ފެށިގެން އަންނަ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ތައިލޭންޑްގެ ޕުކެޓްގައި ކުރިއަށްދާ ހުއާ ހިން ސިކްސެސް ކްރިކެޓް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ވެޓެރަންސް ކްރިކެޓް ޓީމު ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
މި މަހުގެ 27ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ މި ޓީމުގެ އަމާޒަކީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް، މުބާރާތުގެ ތަށި ރާއްޖެއަށް މިލްކުކުރުމެވެ.
މި މުބާރާތަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓީމުގެ މުހިންމު ކުޅުންތެރިޔާ އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވީ، މުބާރާތާ ކުރިމަތިލަނީ ވަރަށް ބޮޑު އުންމީދަކާއެކު ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާތީ، ޓީމު މިހާރު އޮތީ ވަރަށް ރަނގަޅަށް ފައްކާވެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މީ މިދިޔަ ހަތަރު އަހަރުވެސް އަޅުގަނޑުމެން ބައިވެރިވި ހުއާ ހިން ސިކްސެސް އިންޓަނޭޝަނަލް މުބާރާތް. ވޭތުވެދިޔަ ތިން އަހަރުގެ ތެރެއިން ފަހު ދެ އަހަރު އަޅުގަނޑުމެންނަކީ މުބާރާތުގެ ޗެންޕިއަނުން. މިފަހަރު މިދަނީ އެތަށި މިލްކުކުރެވޭތޯ. މިލްކުކުރާނަން އިނގޭތޯ ހަމަ ޔަގީނުން ވެސް، ވަރަށް ޔަގީންކަމާއެކީ ވަރަށް ގިނަ ދުވަސްވެއްޖެ ޕްރެކްޓިސްކުރާތާ މިކަމުގަ" އިސްހާގު ވިދާޅުވިއެވެ.
މި މުބާރާތް ކުރިއަށްދަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 35އަހަރުން މަތި، 50އަހަރުން މަތި އަދި 60އަހަރުން މަތީގެ ކެޓެގެރީތަކެވެ. ރާއްޖެއިން މި ތިން ކެޓެގެރީގައިވެސް ވާދަކުރާއިރު، ވޭތުވެދިޔަ ދެ އަހަރު ރާއްޖޭގެ 35އަހަރުން މަތީގެ ޓީމާއި 50އަހަރުން މަތީގެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން، ދާދިފަހުން ތައިލޭންޑްގައި ބޭއްވި 36 ވަނަ ޗަންގމާއި ސިކްސެސް މުބާރާތުގައި ވާދަކޮށް، ރާއްޖޭގެ ވެޓެރަންސް ޓީމުން ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.