ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގެ 17އަހަރުން ދަށުގެ ބައިގެ އެއްވަނައިގައި، ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން 6ޕޮއިންޓާއެކު ޣިޔާޘުއްދީން އިންޓަ ސްކޫލް (ޖީއައިއެސް)އާއި ހުރަވީ ސްކޫލް ހަމަހަމަކޮށް ކުރީގައި އެބައޮތެވެ.
މި ގްރޫޕުގެ ދެވަނައިގައި އޮތީ އިސްކަންދަރު ސްކޫލެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ހަވަނަ ދުވަހުގެ މެޗުތައް ނިމުނުއިރު، ވަނީ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ.
މުބާރާތުގެ ހަވަނަ ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ޖީއައިއެސްއިން މުހްޔިއްދީން ސްކޫލް ބަލިކުރި މެޗެވެ. މިއީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ސްކޯ ފެނިގެންދިޔަ އެއް މެޗަށް ވާއިރު، ޖީއައިއެސް އިން މި މެޗު ކާމިޔާބުކުރީ 65-03ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖީއައިއެސްގެ ސެންޓަރ އާއިޝާ އާއިލީން އަހްމަދުއެވެ. މީގެ އިތުރުން، ތާވަލުގެ ކުރީގައި އޮތް ހުރަވީ ސްކޫލުން ވަނީ 39-26އިން އިސްކަންދަރު ސްކޫލް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހުރަވީގެ ޖީއެސް އަމްސާ ޢަބްދުﷲ ހަނީފްއެވެ.
ހަވަނަ ދުވަހުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ. މި މެޗު 21-13އިން އަމީނިއްޔާ ކާމިޔާބުކުރިއިރު، މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ސްކޫލުގެ ޖީޑީ މަރްޔަމް އާޔާ ބިންތި ޝުޖާއުއެވެ. ތިންވަނަ މެޗުގައި ތާޖުއްދީން ސްކޫލުން ވަނީ ރެހެންދި ސްކޫލްގެ މައްޗަށް 44-23އިން ކުރި ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތާޖުއްދީންގެ ޖީއެސް ޒީޝާ މުޖްތަބާ އަހްމަދު ހަމީދްއެވެ.
ދުވަހުގެ ފަހު މެޗުގައި ހިރިޔާ ސްކޫލުން ވަނީ ޖަމާލުއްދީން ސްކޫލާ ވާދަކޮށް 47-15ގެ ބޮޑު ފަރަގަކުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ ހިރިޔާގެ ޑަބްލިއުއޭ އާއިޝަތު ހިލްޔާ ހަސަންއެވެ. ވާދަވެރި މެޗުތަކެއް ފެންނަމުންދާ މި މުބާރާތުގެ ކުޅުން މި މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.