ނިމިގެންދިޔަ ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް މުބާރާތުގައި ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް)އިން ހޯދި ބޮޑު ކާމިޔާބީގެ ފަހަތުގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު މެދުނުކެނޑޭ ހިތްވަރު ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށް، މުބާރާތުގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ "ކްއީން އޮފް ސީރީޒް"ގެ ޝަރަފުވެރި މަގާމުތައް ހޯދި ދެ ކުޅުންތެރިން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިމުނު މި މުބާރާތުގެ 15އަހަރުން ދަށުގެ އުމުރުފުރައިން މި ޝަރަފު ހޯދީ ޒާޔާ އާމިރް ވަހީދެވެ. އަދި 17އަހަރުން ދަށުގެ އުމުރުފުރައިން މި މަގާމު ހޯދީ އާއިޝާ އައިލީން އަހްމަދެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް ފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން 15އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ ޒާޔާ ބުނީ، އޭނާގެ ޓީމުން ކުރި ހިތްވަރާ މެދު ވަރަށް ބޮޑަށް އުފާކުރާ ކަމަށާއި ޓީމަށް ސަޕޯޓްކުރި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
"އަޅުގަނޑުގެ ޓީމާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވަން. މިއަހަރު މިހާ ގިނަ ސްޕޯޓަރުން އައިސް ހިތްވަރު ދިނީމަ ވަރަށް ހިތްހަމަޖެހިއްޖެ. ޝުކުރިއްޔާ"
މީގެ އިތުރުން 17އަހަރުން ދަށުގެ އުމުރުފުރައިގެ "ކްއީން އޮފް ސީރީޒް"ގެ މަގާމު ހޯދި އައިލީން ފާހަގަކުރި ގޮތުގައި، ޖީއައިއެސް އިން ހޯދި މި ކާމިޔާބީއަކީ މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަދި ޓީމުގެ ކޯޗު ދިން އިރުޝާދުތަކާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ވަނީ ޚާއްސަ ގޮތެއްގައި ފާހަގަކޮށްފައެވެ.
"ވަރަށް ގްރޭޓްފުލް ހަމަ، ޓީމް ހުރިހާ ކުދިންނަށް ވެސް. މުޅި ޓީމް އެކީގައި މަސައްކަތްކޮށްގެން މިހާ ހިސާބަށް އައިސްފަ މިއޮތީ. ކޯޗަށް ވެސް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްލަން ބޭނުންވޭ. ވަރަށް ވަގުތާއި ޑެޑިކޭޝަން ދީގެން މިހިސާބަށް އާދެވުނީ. ސަޕޯޓާސްއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. ސަޕޯޓާސްއާ ނުލާ މިކަމެއްނުވާނެ. ސަޕޯޓާ އެކު މިހިސާބަށް އާދެވުނީ. ޝުކުރިއްޔާ"
މި މަހުގެ 17އިން 27އަށް ކުރިއަށްދިޔަ މި މުބާރާތަކީ 15އަހަރާއި 17އަހަރުން ދަށުގެ އުމުރުފުރާތަކަށް ޚާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ. ގްރޭޓާ މާލެ ސަރަހައްދުގެ ސްކޫލްތަކުން ޖުމްލަ 25ޓީމެއް ވާދަކުރި މި މުބާރާތުގެ ދެ އުމުރުފުރާގެ ޗެމްޕިއަންކަން ވެސް ސައްތަ ސައްތަ ރިކޯޑަކާއެކު ހޯދީ ޣިޔާޘުއްދީން ސްކޫލުންނެވެ. މިއީ އެ ސްކޫލުން މި ދެ އުމުރުފުރާގެ ތަށި ދިފާއުކުރި ދެވަނަ ފަހަރެވެ. މި މުބާރާތުގެ ރަނަރަޕްކަން ހޯދާފައިވަނީ ހިރިޔާ ސްކޫލާއި ހުރަވީ ސްކޫލުންނެވެ.
މުބާރާތް ނިމުމަށްފަހު ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ހަތް ކުޅުންތެރިން ހޮވާފައިވާއިރު، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް)އިން އަންނަނީ ޒުވާން އައު ކުޅުންތެރިން އުފެއްދުމަށް ޚާއްސަ އިސްކަމެއް ދެމުންނެވެ. ރާއްޖޭގައި ނެޓްބޯޅައިގެ ފޯރި ގަދަކުރުމަށް ގިނަ މުބާރާތްތަކެއް ބާއްވަމުންދާއިރު، ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެ އެސޯސިއޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.