ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ނެޓްބޯޅަ މުބާރާތުން ހުނަރުވެރި ކުޅުންތެރިންތަކެއް ފާހަގަވެއްޖެ: އެސޯސިއޭޝަން

ޝެއާ ކުރޭ Facebook Telegram Viber X

މި މަހުގެ 17އިން 27އަށް ކުރިއަށްދިޔަ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް މުބާރާތުން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ފާހަގަވެގެން ގޮސްފައިވާ ކަމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް)އިން ބުނެފިއެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެސޯސިއޭޝަނުގެ މޫމިނާ އާދަމް ވިދާޅުވީ، މުޅި މުބާރާތް ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށާއި، ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

މޫމިނާ ފާހަގަކުރެއްވި ގޮތުގައި، ކުދިންނަށް ފަރިތަކުރުންތަކަށް ލިބުނު ކުރު މުއްދަތާ އަޅާބަލާއިރު ހުރިހާ ސްކޫލެއްގެ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ އުންމީދީ ކުޅުމެކެވެ. ނެޓްބޯޅައަކީ ވަރަށް ބޮޑަށް ޓެކްނިކަލް ކުޅިވަރަކަށް ވުމުން ހުރިހާ ކުދިން އެއް ފެންވަރެއްގައި ނުކުޅުނު ނަމަވެސް، ޖުމްލަގޮތެއްގައި ހުރިހާ ސްކޫލެއްގެ ފަރާތުން ވެސް ވަރަށް ރަނގަޅު ވާދަވެރިކަމެއް ފެނިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މުބާރާތް އިންތިޒާމުކުރުމަށް އެސޯސިއޭޝަނުން ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، އެ ކޮމިޓީން މަސައްކަތްކުރީ ސްކޫލްތަކަށް ލުއިފަސޭހަވާނެ ގޮތަށް ކަންކަން ރޭވުމަށެވެ. މޫމިނާ ވިދާޅުވީ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލެވުނީ ސްކޫލްތަކުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށާއި، އެސޯސިއޭޝަނުގެ ނަމުގައި ހުރިހާ ސްކޫލްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

މާލެ ސަރަހައްދުގެ ސްކޫލްތަކަށް ހުޅުވާލައިގެން 15އަހަރާއި 17އަހަރުން ދަށުގެ އުމުރުފުރާތަކަށް ބޭއްވި މި މުބާރާތުގައި ޖުމްލަ 25ޓީމެއް ވާދަކުރިއެވެ. މި ދެ އުމުރުފުރާގެ ޗެމްޕިއަންކަން ވެސް ހޯދީ ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުންނެވެ. މިއީ އެ ސްކޫލުން މި މުބާރާތުގެ ތަށި ދިފާއުކުރި ދެވަނަ އަހަރެވެ. މުބާރާތުގެ ރަނަރަޕް ޓީމުތަކަކީ ހިރިޔާ ސްކޫލާއި ހުރަވީ ސްކޫލެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު