ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޖޫނިއާސް ނެޓްބޯޅަ މުބާރާތުގެ ގްރޫޕްތަކުގެ ކުރީގައި ހިރިޔާއާއި ޖީއައިއެސް

ޝެއާ ކުރޭ Facebook Telegram Viber X

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް ޗެންޕިއަންޝިޕްގެ 15އަހަރުން ދަށުގެ އުމުރުފުރާގެ ގްރޫޕް އޭގެ އެއްވަނައިގައި ހިރިޔާ ސްކޫލް އަދި ގްރޫޕް ބީގެ އެއްވަނައިގައި ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް (ޖީއައިއެސް)ހަމަޖެހިލައިފިއެވެ.

މި ދެ ޓީމުވެސް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9ޕޮއިންޓާއެކުގައެވެ. މީގެ އިތުރުން ގްރޫޕް ސީގެ އެއްވަނައިގައި 6ޕޮއިންޓާއެކު އޮތީ އެއް މެޗު މަދުން ކުޅެފައިވާ މަޖީދިއްޔާ ސްކޫލެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ކުޅެވުނު 15އަހަރުން ދަށުގެ މެޗުތަކުން މޮޅުވީ ހިރިޔާ ސްކޫލާއި، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، ހުރަވީ ސްކޫލާއި، ޣިޔާޘުއްދީންގެ އިތުރުން ޝަހީދު ޢަލީ ސްކޫލެވެ.

އިއްޔެގެ ފުރަތަމަ މެޗުގައި ހިރިޔާ ސްކޫލުން ވަނީ 13-06ގެ ނަތީޖާއަކުން ޞަލާޙުއްދީން ސްކޫލް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިރިޔާގެ ޑަބްލިއު ޑީ ރައިހާނާ ރިލްވާންއެވެ. ދެވަނަ މެޗުގައި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ދަރުމަވަންތަ ސްކޫލުގެ މައްޗަށް ކުރިހޯދީ 16-06އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަހްމަދިއްޔާގެ ޒީޝާ ޢަބްދުﷲ ޚަލީލެވެ.

ތިންވަނަ މެޗުގައި ހުރަވީ ސްކޫލުން ވަނީ 32-08ގެ ބޮޑު ތަފާތަކުން ރެހެންދި ސްކޫލް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރަވީގެ ޖީޑީ ލިބާ ވާސިފު ވަހީދެވެ. ހަތަރުވަނަ މެޗުގައި ޣިޔާޘުއްދީންއިން ތާޖުއްދީން ސްކޫލް ބަލިކުރީ 23-14އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ސެންޓަރ ނުގާ އަލީ ނަޖީބެވެ. އިއްޔެގެ ފަހު މެޗުގައި ޝަހީދު ޢަލީ ސްކޫލުން ވަނީ 20-01ގެ ފަރަގަކުން އަމީނިއްޔާ ސްކޫލް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޝަހީދު ޢަލީގެ ސެންޓަރ މަރްޔަމް ޝައިހާ އަފީފެވެ.

މުބާރާތުގައި މިއަދު ކުރިއަށްދާނީ 17އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތަކެވެ. މިއަދުގެ ފުރަތަމަ މެޗުގައި އަމީނިއްޔާ އާއި ދަރުމަވަންތަ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ވާދަކުރާނީ އިސްކަންދަރު އަދި ހުރަވީއެވެ. ތިންވަނަ މެޗުގައި ރެހެންދި އާއި ތާޖުއްދީން ބައްދަލުކުރާއިރު، ހަތަރުވަނަ މެޗުގައި ކުޅޭނީ މުހްޔިއްދީން އަދި ޖީއައިއެސްއެވެ. މިއަދުގެ ފަހު މެޗުގައި ބައްދަލުކުރާނީ ޖޭއެސް އަދި ހިރިޔާ ސްކޫލެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މި މަހުގެ 25ގައި ކުޅުމަށް ތާވަލުކޮށްފައިވާއިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 27ވަނަ ދުވަހުއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު