ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ބޭއްވުމަށް ތައްޔާރުވަމުންދާ "ކުނަހަންދޫ ވިމެންސް ކަޕް"އަންނަ ޖުލައި މަހުގެ 2ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.
މި މުބާރާތް ކުރިއަށްދާނީ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ކުނަހަންދޫ ކުރިކެޓް ދަނޑުގައެވެ.
މި މުބާރާތާ ގުޅޭގޮތުން ލ. އަތޮޅު ކްރިކެޓް ޑިވެލޮޕްމަންޓް ކޯޗު ލިރުގާމް ސައީދު ބުނީ، މުބާރާތް އެންމެ ފުރަތަމަ ބޭއްވުމަށް ނިންމާފައި އޮތީ މި ހިނގާ ޖޫން މަހުގެ 16ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެ، ކުރިކެޓް ކުޅޭ ސަރަހައްދަށް އުދައިގެ އަސަރު ކުރުމުގެ ސަބަބުން މުބާރާތް އަންނަ މަހަށް ފަސްކުރަން ޖެހުނީ ކަމަށް އޭނާ ހާމަކުރިއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވާދަކުރާނެއެވެ. އެއީ ސްޕަރ ގާލްސް ޓީމް، ޕިންކީ ލޭޑީ ޓީމް، ސްކައި ވިމެންސް ޓީމް އަދި މޫން ސްޓާރ ޓީމެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
ލިރުގާމް އިތުރަށް ފާހަގަކުރި ގޮތުގައި، މުބާރާތުގެ ތައްޔާރީތައް މިހާރު ވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާއިރު، ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި ތަރުހީބު ވަރަށް ބޮޑެވެ. ކުނަހަންދޫއަކީ އަންހެން ކުރިކެޓް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ، ކުރިކެޓްގެ ފޯރި ގަދަ ރަށެކެވެ. އެ ރަށުގައި ތަފާތު އުމުރުފުރާތަކުގެ މީހުން ކުރިކެޓް ކުޅޭއިރު، ކޮންމެ އަހަރަކު ވެސް ފޯރިގަދަ ގިނަ މުބާރާތްތަކެއް ބާއްވަމުންދެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.