ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފަލަސްތީނާއި އިސްރާއީލް މެޗެއް ކުޅުވަން ފީފާއިން މަސައްކަތް ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން އަންނަ ސެޕްޓެމްބަރު މަހު އެމެރިކާގައި ބޭއްވުމަށް ރާވާފައިވާ 15އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ފެށުމުގެ ގޮތުން، ފަލަސްތީނާއި އިސްރާއީލް ބައްދަލުކުރާ ހާއްސަ މެޗެއް ކުޅުވުމަށް ފީފާއިން މަސައްކަތް ފަށައިފިއެވެ.

މިއީ ރަސްމީ ވޯލްޑް ކަޕެއް ނޫން ނަމަވެސް، މި މުބާރާތުގައި ފީފާގެ މެންބަރު ހުރިހާ 211ގައުމަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. އޭގެ ތެރޭގައި މިހާރު ސަސްޕެންޑްކޮށްފައިވާ ރަޝިއާގެ ގައުމީ ޓީމު ވެސް ހިމެނެއެވެ.

ފީފާއިން މިދިޔަ ޑިސެމްބަރު މަހު ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތް ފެށުމަށް ބާއްވާ މެޗާ މެދު ވަރަށް ބޮޑެތި ރޭވުންތަކެއް ވަނީ ރާވާފައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބޭނުން ވަނީ ފުޓްބޯޅައިގެ ޒަރީއާއިން މުޅި ދުނިޔޭގައި ސުލްހަޔާއި އެއްބައިވަންތަކަން ގާއިމުކުރުމަށެވެ. މުބާރާތް ބާއްވާނެ ވަކި ތަނެއް އަދި ރަސްމީކޮށް ކަނޑަނާޅާ ނަމަވެސް، ފީފާގެ އޮފީސްތައް ހުންނަ މަޔާމީގައި މި މުބާރާތް ބޭއްވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެއެވެ.

މި މައްސަލައިގެ ތެރެއަށް ފީފާއިން ވަނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އިންފަންޓީނޯ ބުނީ ފީފާގެ މެންބަރުންގެ ގޮތުގައި ފަލަސްތީނާއި އިސްރާއީލުގެ ހަމަހަމަ ހައްގުތަކާއި ޒިންމާތަކެއްވާ ކަމަށާއި، ދުނިޔޭގެ ހުރިހާ ކުދިންނަށް އުއްމީދެއް ހޯދައިދިނުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ފަލަސްތީނުން މިކަމަށް އެއްބަހެއް ނުވެއެވެ. ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ސޫޒަން ޝަލަބީ ބުނީ އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ފޮރުވުމަށް މަސައްކަތްކުރާ ބަޔަކާއެކު ސަލާންކުރެވެން ނެތް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން، ފީފާއިން ކިތަންމެ ބޮޑަށް މަސައްކަތް ކުރި ނަމަވެސް، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓާނުލާހާ ހިނދަކު، ދެ ގައުމުގެ ދެމެދުގައި މިފަދަ އެއްބަސްވުމަކަށް އާދެވޭނެ ކަމަކަށް ނުބެލެވެއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު