އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް އެތެރެވާން އުޅޭ ބައެއް ޓީމުތަކާއި އޮފިޝަލުންނަށް ވިސާ ނުލިބޭ މައްސަލައިގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެމެރިކާގެ ދިފާއުގައި ވާހަކަދައްކައިފައެވެ.
މެކްސިކޯ ސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފަންޓީނޯ ވިދާޅުވީ، ފީފާގެ އިސްވެރިންނަކީ "ދުނިޔޭގެ ރަސްކަލުން"ނޫން ކަމަށާއި، ގައުމުތަކުގެ ސަރުކާރުތަކުން ނިންމާ ނިންމުންތަކަށް ބަސްކިޔުމުގެ ބާރު އެ އިދާރާއަށް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ފީފާއަކީ ހަމައެކަނި ކުޅިވަރު ޖަމިއްޔާއެއްކަން ފާހަގަކުރަމުން އިންފަންޓީނޯ ބުނީ، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދިނުމުގައި އެ ގައުމުގެ ސަރުކާރުން ނިންމާ ނިންމުންތަކުގެ ތެރެއަށް ފީފާއިން ތަދައްޚުލު ނުވާނެ ކަމަށެވެ. އަދި ސަރުކާރުތަކާއި ސަލާމަތީ ބާރުތަކުގެ މައްޗަށް ބަސް ނުބުނެވޭނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި، ނަމަވެސް ފީފާގެ ވަސީލަތްތައް ހުރި މިންވަރަކުން ކަންކަން ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. މި މައްސަލައިގައި ހަމަނުޖެހުން އުފެއްދުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ކަންކަން ހައްލުކުރަން އިސްކަންދޭކަން ހާމަކުރަމުން އޭނާބުނީ ބައެއް ފަހަރު ހަޅޭއްލަވައިގަތުމުން ކަންކަން އިތުރަށް ގޯސްވާ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.