ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްޕެއިނުން ތަށި ކާމިޔާބުކުރުމާ އެކު ޣައްޒާގެ މަގުތަކުގައި އުފާފާޅުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އިސްރާއީލުގެ އުދުވާނުތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ ރައްޔިތުން، ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލަމުންދާ ސްޕެއިނުން އާޖެންޓީނާ ބަލިކޮށް ދުނިޔޭގެ ފުޓުބޯޅަ މުބާރާތުގެ ތަށި ކާމިޔާބުކުރުމުން، އެކަމުގެ އުފާފާޅުކުރުމަށް ޓަކައި ވީރާނާވެފައިވާ މަގުތަކަށް ނުކުމެއްޖެއެވެ.

އެހީދޭ ޖަމާޢަތްތަކުގެ އިސްނެގުމުގެ މަތިން، ޣައްޒާގެ ރައްޔިތުން ފައިނަލް މެޗު ބަލާފައިވަނީ ވަރަށް ދަތި ޙާލަތުގައެވެ. ކަރަންޓު ކެނޑިފައިވާ މި ދަނޑިވަޅުގައި، ޖަނަރޭޓަރު ބޭނުންކޮށްގެން ކުދި ސްކްރީންތަކާއި ލެޕްޓޮޕް އަދި މޮބައިލް ފޯނުތަކުން މެޗު ބަލަމުންދިޔަ އެތައް ސަތޭކަ ބަޔަކު ވަނީ ސްޕެއިން މޮޅުވުމާ އެކު އުފަލުން ގޮސް މަގުތަކަށް ޖަމާވެފައެވެ. ދެ އަހަރު ވަންދެން ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ކުނިބުނީގެ ތެރެއިން ވެސް، ސްޕެއިނުން ހޯދި މި ތާރީޚީ މޮޅާ އެކު އެމީހުންގެ މޫނުމަތިން ވަނީ ހިނިތުންވުން ފެނިގެން ގޮސްފައެވެ.

ޣައްޒާގައި ސްޕެއިންގެ މޮޅުވުން މިހާ ޚާއްޞަވީ، އެ ޤައުމަކީ ބައިނަލްއަޤުވާމީ މައިދާނުގައި ފަލަސްޠީނުގެ ދައުލަތް ބަލައިގަނެ، އެމީހުންގެ މިނިވަންކަމަށް އެންމެ ފާޅުކަންބޮޑު ގޮތެއްގައި ގޮވާލަމުންދާ އެއް ޤައުމަށް ވުމުންނެވެ. ހަމައެހެންމެ، ސްޕެއިންގެ ކާމިޔާބީ ފާހަގަކުރުމަށް އެ ޤައުމުގެ މަގުތަކަށް ނުކުތް އެތައް ހާސް ރައްޔިތުންނެއް ވެސް ވަނީ ފަލަސްޠީނުގެ ދިދަތައް ވިހުރުވައި، އެމީހުންނާ އެއްބައިވަންތަކަން ހާމަކޮށްފައެވެ. މިއީ ޙާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ލިބުނު ވަރަށް ބޮޑު ތަސައްލީއެކެވެ.

ފުޓުބޯޅައިގެ ތެރެއިން ސްޕެއިނާއި ފަލަސްޠީނާ ދެމެދު އުފެދިފައިވާ މި ގުޅުމަކީ މުޅިން އައު ކަމެއް ނޫނެވެ. 2025/2026ވަނަ އަހަރުގެ ސްޕެނިޝް ލީގު، "ލަ ލީގާ"ގެ ޗެމްޕިއަންކަން ބާސެލޯނާއިން ކާމިޔާބުކުރުމުން ބޭއްވި ހަފުލާގައި އެ ޓީމުގެ އުއްމީދީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ވެސް ވަނީ ފަލަސްޠީނުގެ ދިދަ ހިފައިގެން ނުކުމެފައެވެ. މި ހިތްވަރުގަދަ ފިޔަވަޅުގެ ސަބަބުން ޔަހޫދީންގެ ފާޑުކިޔުންތަކާއި އިންޒާރުތައް އޭނާއަށް ކުރިމަތިވި ނަމަވެސް، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ބަސްބުނާނެ ބަޔަކު ތިބިކަން ސާބިތުވެ، އެމީހުންގެ ހިތްތަކުން ޔަމާލް ވަނީ ޚާއްޞަ ޖާގައެއް ހޯދާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު