ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގާޒާގެ ގޯލްކީޕަރު ޝަހީދުކޮށްލައިފި

ޝެއާ ކުރޭ Facebook Telegram Viber X

އިސްރާއީލުގެ ހަމަލާތަކެއްގައި ގާޒާގެ ގޯލްކީޕަރު ސަލީމް އަލް-އަޝްގަރް ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ)ބުނީ އަލްއަޝްގަރު ޝަހީދުކޮށްލިއިރު މީގެ އެންމެ ފަސް މަސް ކުރިން ކައިވެނިކުރި އޭނާގެ އަންހެނުން އިނީ އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ.

އޭނާގެ މަރުގެ ސަބަބުން ފަލަސްތީނުގެ ކުޅިވަރު އާއިލާއަށް ބޮޑު ހިތާމައެއް ލިބިފައިވާއިރު، ގިނަ ބަޔަކު ދަނީ އޭނާގެ ފުޓްބޯޅަ ކެރިއަރާއި މި ހަނގުރާމައިގެ ސަބަބުން ކުރުވެގެންދިޔަ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ހަނދާންތައް އާކުރަމުންނެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގާޒާގެ ހަނގުރާމަ ވަރުގަދަވި ފަހުން ޝަހީދުކޮށްލި 1،000އަށް ވުރެ ގިނަ ފަލަސްތީނުގެ އެތުލީޓުންގެ ތެރޭގައި އަލް-އަޝްގަރް ހިމެނޭ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ކުޅިވަރަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ މެދު އެ އިދާރާއިން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޝަހީދުވި މީހުންގެ ތެރޭގައި ކުޅުންތެރިންނާއި، ކޯޗުންނާއި، ރެފްރީންގެ އިތުރުން ކުޅިވަރުގެ އިސް އޮފިޝަލުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލް-އަޝްގަރް ޝަހީދުކޮށްލާފައި ވަނީ ގާޒާގައި އިސްރާއީލުގެ ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު