ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑްކަޕްގައި ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލުން އިތުރުވެއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާއިރު، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅުހަދައި، ފަލަސްޠީނުގެ ފުރިހަމަ މިނިވަންކަމަށް ގޮވައިލުމުގެ ވަރުގަދަ ހަރަކާތްތަކެއް ފުޓުބޯޅައަށް ލޯބިކުރާ އެތައް ހާސް ސަޕޯޓަރުންނެއް މުބާރާތް ބާއްވާ ސަހަރުތަކުގައި ފަށައިފިއެވެ. 

ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ބިންތައް އަޅުވެތިކޮށްގެން ހިންގަމުންދާ ޤަތުލުޢާންމު ކުށްވެރިކުރުމުގެ ގޮތުންނާއި، ބައިނަލްއަޤުވާމީ މައިދާނުން އިސްރާއީލް ބާކީކުރުމަށް ގޮވައިލާ "ރެޑް ކާޑު"ކެމްޕެއިނަށް އެއްބާރުލުން ދިނުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މުބާރާތް ބަލަން ގޮސްތިބި ގިނަ ބަޔަކު ދަނީ ދަނޑުތަކާއި އާންމު ސަރަހައްދުތަކުގައި ފަލަސްޠީނުގެ ދިދަތައް ވިހުރުވަމުންނެވެ. މިފަދަ މަންޒަރުތައް ފެނިފައިވާ ބައެއް މެޗުތަކަށް ބަލާއިރު، އެމެރިކާގެ މައްޗަށް 3-2އިން ތުރުކީވިލާތް ކުރިހޯދި މެޗާއި، ބްރެޒިލް އަދި މަޣުރިބު 1-1އިން އެއްވަރުވި މެޗުގެ ކުރިން ނިއުޔޯކްގެ މަގުތަކުގައި ވަނީ މި ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ލޮސް އެންޖެލީސްގައި ކުޅުނު ސްވިޓްޒަލެންޑާއި ބޮސްނިޔާ އެންޑް ހަރޒެގޮވީނާގެ މެޗުގެ ތެރެއިންނާއި، ފަރަންސޭސިވިލާތް އަދި ބްރެޒިލްގެ ސަޕޯޓަރުންގެ ފަރާތުން ވެސް މިފަދަ ޝުޢޫރުތައް ފާޅުކޮށްފައިވެއެވެ.

މުބާރާތުގެ ތެރޭގައި އެންމެ ބޮޑަށް ފަލަސްޠީނުގެ ދިފާޢުގައި ނުކުމެފައިވަނީ އީރާން، މިޞްރު، އަލްޖީރިޔާ، ސެނެގޯލް، މަޣުރިބު، ބޮސްނިޔާ އެންޑް ހަރޒެގޮވީނާ، ސްކޮޓްލެންޑް، ސްޕެއިން އަދި ތުރުކީވިލާތަށް ނިސްބަތްވާ މީހުންނެވެ. ސިއޭޓްލްގައި އީރާނާއި މިޞްރު ބައްދަލުކުރި މެޗުގެ ބޭރުގައި "ސްޓެޗޫ އޮފް ލިބަރޓީ"ގެ ސިފައިގައި ހުރި އަންހެނަކު ފަލަސްޠީނާއި ލުބްނާނަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާފައިވާއިރު، ފަލަސްޠީނަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތަކު ބުނެފައިވަނީ މުޅި މުބާރާތުގައި ވެސް އެމީހުންގެ އުފާފާޅުކުރުން ޚާއްސަކުރާނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކަމަށެވެ.

މިފަހަރުގެ ފުޓުބޯޅަ އީދުގައި އިސްރާއީލާއި ފަލަސްޠީނު ވެސް ވާދަނުކުރެއެވެ. ފަލަސްޠީނުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދޭގޮތުގައި ޔަހޫދީންގެ ހަމަލާތަކުގައި އެ ޤައުމުގެ އެއްހާހަށް ވުރެ ގިނަ ކުޅިވަރު ކުޅުންތެރިން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ތިންސަތޭކައަށް ވުރެ ގިނަ ކުޅިވަރު ވަސީލަތްތައް ބިމާ ހަމަކޮށްލާފައިވުމާ އެކު، ބައިނަލްއަޤުވާމީ ކުޅިވަރު އާއިލާއިން އިސްރާއީލު ސަސްޕެންޑު ކުރުމަށް ގޮވައިލާ ގޮވައިލުންތަކަށް މި މުބާރާތުގެ ތެރެއިން ދަނީ އިތުރު ބާރެއް ލިބެމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު