އާސިއާން ސަރަހައްދުގެ ގައުމުތަކަށް ހާއްސަކޮށްގެން މުޅިން އަލަށް ބާއްވާ ފީފާ އާސިއާން ކަޕްގައި ވާދަކުރުމުގެ ފުރުސަތު ޕާކިސްތާނަށް ވެސް ދީފިއެވެ.
ސެޕްޓެމްބަރު 21އިން އޮކްޓޫބަރު 6އަށް ބޭއްވުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި އާސިއާން ސަރަހައްދުން ބޭރުން ބައިވެރިވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ހަމައެކަނި އިންޑިއާއެވެ. ނަމަވެސް، ޕާކިސްތާނުގެ އެންމެ ބޮޑު ނޫސް ކަމަށްވާ "ޑޯން"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފީފާއިން ބަލައިގަނެފައިވާ މި މުބާރާތުގައި ވާދަކުރުމުގެ ދައުވަތު މިހާރު ވަނީ ޕާކިސްތާނަށް ވެސް ދީފައެވެ.
މި މުބާރާތުގައި އިންޑިއާއަށް ކުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ކުރިން އެ ތާރީހުގައި ބޭއްވުމަށް އިއުލާންކުރި ސާފް ޗެމްޕިއަންޝިޕް ވެސް ވަނީ އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފައެވެ. މުޅިން އަލަށް ބާއްވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގުރޫޕަކަށް ނުވަތަ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. "ޑޯން"ނޫހުން ބުނާ ގޮތުގައި ޕާކިސްތާން ހިމެނޭނެ ކަމަށް ބެލެވެނީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައެވެ. މި މުބާރާތުގައި ދެކުނު އޭޝިއާގެ އިންޑިއާއާއި ޕާކިސްތާނުގެ އިތުރުން ދެން ވާދަކުރާނީ އިންޑޮނޭޝިއާ، މެލޭޝިއާ، ތައިލެންޑް، ސިންގަޕޫރު އަދި ފިލިޕީންސެވެ.
މިދިޔަ ހަފުތާގައި ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ޕާކިސްތާނުގެ ކޯޗު ނޮލްބާޓޯ ސޮލާނޯ ވަނީ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހުގެ ފީފާ ބްރޭކްގައި އެ ގައުމުން އިތުރު މުބާރާތެއް ކުޅޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ އޭރު އެއީ ކޮން މުބާރާތެއް ކަމެއް ހާމައެއް ނުކުރެއެވެ. ޑައިމަންޑް ޖުބިލީ މުބާރާތަކީ ފާއިތުވި 35އަހަރުގެ ތެރޭގައި ފުޓްބޯޅައިން ޕާކިސްތާނަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ. އެ މުބާރާތުގެ ތައްޓާއެކު ޓީމު އެނބުރި ގައުމަށް ދިއުމާ އެކު، އެ ގައުމުގެ މީޑިއާތަކުން ވަނީ ޕާކިސްތާނުން އާސިއާން ކަޕްގައި ވާދަކުރާނެކަން ރިޕޯޓްކުރަން ފަށާފައެވެ.
ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި މުބާރާތުން އެ ގައުމަށް ފުރުސަތު ލިބުނީ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސައްޔިދު މުހްސިން ގިލާނީ ކުރެއްވި ދަތުރުފުޅުގައި ފީފާގެ އިސް ވެރިންނާ އެކު ކުރެއްވި މަޝްވަރާތަކުގެ ސަބަބުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.