ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލްގައި ސްރީލަންކާގެ މައްޗަށް 124ލަނޑުގެ ބޮޑު ތަފާތަކުން ކުރިހޯދައި، މުބާރާތުގެ ފައިނަލްގައި ވާދަވެރި ޕާކިސްތާނާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އިންޑިއާއިން މިއަދު ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް އިންޑިއާ ނުކުންނަން ޖެހޭނީ ޕާކިސްތާނާ ދެކޮޅަށެވެ. ޕާކިސްތާނުން ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކުރީ މިއަދު ކުޅެވުނު ފުރަތަމަ ސެމީގައި ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.
ދެވަނަ ސެމީ ފައިނަލްގައި ފުރަތަމަ ކުޅެން އަރައި އިންޑިއާއިން ވަނީ 20އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 169ލަނޑު އެއްކޮށްފައެވެ. މި ލަނޑުތަކަށް ޖަވާބުދާރީވުމަށް ލަންކާ ޓީމު ކުޅެން ނުކުމެ 9.5އޯވަރުން ހެދުނީ އެންމެ 45ލަނޑެވެ. މިހިސާބަށް ދިޔައިރު، މެޗުން މޮޅުވުމުގެ އެއްވެސް އުންމީދެއް ލަންކާއަށް ނެތުމާއެކު އެ ޓީމުން ވަނީ މެޗު ދޫކޮށްލާފައެވެ.
އިންޑިއާ ޓީމުގެ ބެޓިންގގައި އެންމެ ފާހަގަކޮށްލެވުނީ ނުބައިނުވެ 80ލަނޑު އެއްކުރި އިޝާން ކިޝާންއެވެ. މީގެ އިތުރުން ވައިބްހާވް ސޫރަޔަވަންޝީ 21ބޯޅައިން 38ލަނޑު ހެދިއިރު، ކެޕްޓަން ޝްރޭޝް އިޔާ ވަނީ 13ބޯޅައިން 13ލަނޑު ހަދާފައެވެ. ބޯލިންގ އަށް ބަލާއިރު އިންޑިއާގެ ޖޭޖޭ ބުމްރާ، އޭއާރު ޕަޓޭލް އަދި އަބީޝެކް ޝަރްމާ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ވިކެޓް ނަގާފައެވެ.
ލަންކާ ޓީމުން އެންމެ ރަނގަޅަށް އުކީ ދެ ވިކެޓް ނެގި ކޭއެޗް ރަތްނަޔަކަ އާއި އެސްއެސްޑީ އަރަޗިގޭއެވެ. އަދި ބެޓިންގގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 11ބޯޅައިން 15ލަނޑު ހެދި އެމްއެންކޭ ފެނާންޑޯއެވެ. ސެމީ ފައިނަލުން ނާކާމިޔާބުވި ސްރީލަންކާއާއި ބަންގްލަދޭޝް ބައްދަލުކުރާނީ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައެވެ.
މޫސުން ގޯސްވެ ޖަޕާނަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ހޮވާފައިވަނީ އޭސީސީގެ ރޭންކިންއަށް ބިނާކޮށެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މެޗުތައް ކުރިއަށް ނުގެންދެވޭ ހާލަތެއްގައި ދެން އޮންނަ ބުރަށް ދާނީ ރޭންކިންގެ ކުރީގައި އޮންނަ ގައުމުތަކެވެ. މިގޮތަށް ބަލައި ސެމީއަށް ހޮވުނު އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް އަދި ސްރީލަންކާއަކީ ދުނިޔޭގެ ކްރިކެޓްގައި ވެސް އެންމެ ނަންމަޝްހޫރު ގައުމުތަކެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.