ޖަޕާނުގެ އައިޗި ނަގޯޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ އަންހެނުންގެ ރޯޑް ރޭސް ބައިސްކަލް ދުއްވުމުގެ އިވެންޓުން، އަފްޣާނިސްތާނުގެ އަންހެން ބައިސްކަލް ދުއްވުންތެރިޔާ ފަރީބާ ހާޝިމީ ރިހި މެޑަލް ހޯދައިފިއެވެ.
އުމުރުން 23އަހަރުގެ ފަރީބާ މި ކާމިޔާބީ ހޯދާފައިވަނީ، އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތޯލިބާނުންގެ ފިޔަވަޅުތަކުން ސަލާމަތްވެ، ގައުމުން ބޭރަށް ގޮސް ކުރި ބުރަ މަސައްކަތުންނެވެ.
ކާމިޔާބީއަށް ފަހު ވާހަކަދައްކަމުން ފަރީބާ ބުނީ އޭނާގެ އިހުސާސްތައް ބުނެދޭން ވެސް ނޭނގޭ ކަމަށާއި، މި މެޑައްޔަކީ އަފްޣާނިސްތާނުގެ އަންހެނުންގެ ހިތްވަރު ދައްކުވައިދޭ ރަމްޒެއް ކަމަށެވެ. އޭނާ ކުޅިވަރުގެ ތެރެއަށް ވަނީ ވަރަށް ހަގު އުމުރުގައި، އޭނާގެ އަންހެން ކޮއްކޮ ޔުލްދުޒާއާ އެކު ފިރިހެނުންގެ ސިފަޖެހިގެންނެވެ. އެ ދުވަސްވަރު އެކި ކަހަލަ ހަމަލާތަކާވެސް ކުރިމަތިލާން ޖެހުނުކަން އޭނާ ހާމަކުރިއެވެ.
"އަހަރެން އުފަންވީ ހުވަފެން ދެކޭ އަންހެނުންނަށް ހަމަލާދޭ ގައުމަކަށް، އަދި އެކަމާ ދެކޮޅަށް މަސައްކަތް ކުރެވުނީތީ ވަރަށް އުފާކުރަން"ފަރީބާ ބުންޏެވެ.
މީގެ އިތުރުން، ދެން އަންނަން އޮތް ޖީލުތަކުން އެއްވެސް ބިރެއްނެތި ގައުމު ތަމްސީލު ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. ފަރީބާ އަފްޣާނިސްތާނުން ބޭރުވީ ދުނިޔޭގެ ކުރީގެ އަންހެން ސައިކަލިސްޓް ޗެމްޕިއަން އެލެސަންޑްރާ ކަޕެލޯޓޯގެ އެހީތެރިކަމާ އެކުގައެވެ.
ފްރާންސްގެ ޕެރިހުގައި 2024ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް ގޭމްސްގައިވެސް ވާދަކޮށްފައިވާ ފަރީބާގެ މިހާރުގެ އަމާޒަކީ 2028ވަނަ އަހަރު ލޮސްއެންޖަލިސްގައި ބާއްވާ އޮލިމްޕިކްސްއިން މެޑައްޔެއް ހޯދުމެވެ. އޭނާ މިހާރު ވެސް އަންނަނީ އެކަމަށް ތައްޔާރުވަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.