ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޭޝިއަން ގޭމްސްގެ އިންތިޒާމުތައް ދޯދިޔާވެ ކޮރެއާގެ ފާޑުކިޔުން

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ ހޮނިހިރު ދުވަހު ޖަޕާނުގެ ނަގޯޔާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި އެތުލީޓުން ބޭތިއްބުމަށް ހަމަޖައްސާފައިވާ ކޮންޓޭނަރު ކޮޓަރިތަކުގެ އެނދުތައް ކުޑަވެ، މުބާރާތުގެ އިންތިޒާމުތައް ވަރަށް ދަށްކަމަށް ބުނެ ދެކުނު ކޮރެއާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކްރޫޒް ޝިޕްތަކާއި ކޮންޓޭނަރުތަކުގައި ކުޅުންތެރިން ބައިތިއްބަން ޖަޕާނުން ނިންމާފައިވާއިރު، ކޮރެއާގެ ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ނައިބު ރައީސް ޖުންގް ޖައެ ޔޮންގް ވަނީ މިއީ މިހާތަނަށް ފެނުނު އެންމެ އިންތިޒާމުތައް ގޯސް މުބާރާތްކަމަށް ސިފަކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދެ މީޓަރަށް ވުރެ އިސްކޮޅުން ދިގު އެތުލީޓުންނަށް އެނދުގައި ހަމައަށް އޮށޯވެ ނުލެވޭއިރު، ހަށިގަނޑު ދަމާލުމުން ފައި އޮންނަނީ އެނދުން ބޭރުގައެވެ. މީގެ އިތުރުން، ކޮންޓޭނަރު ކޮޓަރިއެއްގައި ހުރި ކޮރެއާގެ ބާސްކެޓް ކުޅުންތެރިއަކު ވަނީ މޫނުދޮންނަ ތަށީގެ ހޮޅިއެއް ފަޅައިގެން ގޮސް މުޅި ތަނުގައި ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުކޮށް، އެހީތެރިކަމަށް އެދިފައެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ކުޅިވަރު އީދުގައި ދެހާހެއްހާ އެތުލީޓުން ކޮންޓޭނަރުތަކުގައި ތިބެންޖެހޭނެކަމަށް އަންދާޒާކުރެވެއެވެ. މި ހާލަތާ ގުޅިގެން އިންޑިއާއިން ވެސް ނުރުހުން ފާޅުކޮށްފައިވާއިރު، އެ ގައުމުގެ ކުޅުންތެރިން ޖަޕާނުގެ މާހައުލަށް ހޭނުވުމުގެ ގޮތުން އިންޑިއާގައި ވަނީ ހަމަ އެފަދަ ކޮންޓޭނަރު ކޮޓަރިތަކެއް ހަދައި، އެ ތަންތަނުގައި އެތުލީޓުން ބައިތިއްބަން ފަށާފައެވެ.

މުބާރާތް ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، ނަގޯޔާގެ މޫސުން ގޯސްވުމާ ގުޅިގެން މިދިޔަ ހަފުތާގައި ގިނަ އަދަދެއްގެ އެތުލީޓުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުމަކީ ވެސް އިންތިޒާމުތަކަށް އެޅުނު އިތުރު ހުރަހެކެވެ. ހަމައެހެންމެ، އެކޮމޮޑޭޝަންގެ މައްސަލަތަކާ ހެދި ކްރިކެޓް ކުޅޭ ގައުމުތަކުން ބޮޑެތި ޝަކުވާތަކެއް ކުރުމާ ގުޅިގެން، އަމިއްލަ ހަރަދުގައި ބޭނުން ތަނެއްގައި ތިބުމުގެ ފުރުސަތު ޖަޕާނުގެ ކްރިކެޓް އެސޯސިއޭޝަނުން ވަނީ ދީފައެވެ. ނަމަވެސް، މި ދޯދިޔާ އިންތިޒާމުތަކާ ހުރެ އިންޑިއާގެ ރަސްމީ ކްރިކެޓް ޓީމު މި ގޭމްސްއަށް ފޮނުވުމާ މެދު އެ ގައުމުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު