މި މަހުގެ ފަހުކޮޅު ޖަޕާނުގެ ނަގޯޔާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ބަނގްލަދޭޝްއިން ބޮޑު ކޮންޓިންޖެންޓަކާ އެކު ބާވީސް ކުޅިވަރެއްގައި ވާދަކުރަން ނިންމާފައިވީ ނަމަވެސް، އެ ގައުމުން މެޑަލް ހޯދުމަށް އަމާޒު ހިފާފައިވަނީ އެންމެ ހަތަރު ކުޅިވަރަކުންނެވެ.
ބަނގްލަދޭޝް އޮލިމްޕިކް އެސޯސިއޭޝަން (ބީއޯއޭ)ގެ ނައިބު ރައީސް މޭޖަރ އިމްރޯޒް އަހުމަދު ހާމަކުރެއްވި ގޮތުގައި، މި ފަހަރުގެ މުބާރާތުގައި އެ ގައުމަށް ރަންވަނަތަކެއް ގެނެސްދޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ކްރިކެޓާއި، ކަބައްޑީގެ އިތުރުން ޝޫޓިން އަދި އާޗަރީންނެވެ. މާޒީގައި އެކި ކުޅިވަރުތަކުން ނެރެފައިވާ ނަތީޖާތަކަށް ރިއާޔަތްކުރައްވައި އޭނާ ވިދާޅުވީ، ކަބައްޑީއަކީ މެޑަލްއަކާ ހަމައަށް ވާސިލްވުމުގެ ފުރުސަތު އެންމެ ބޮޑު އެއް ކުޅިވަރު ކަމަށާއި، ދެން ހުރި އަނެއް ތިން ކުޅިވަރުން ވެސް ކާމިޔާބީއަކަށް އުއްމީދުކުރައްވާ ކަމަށެވެ.
ސެޕްޓެމްބަރު 19އިން އޮކްޓޫބަރު 3ގެ ނިޔަލަށް ކުރިއަށްގެންދާ މި ބޮޑު ކުޅިވަރު އީދުގައި ބަނގްލަދޭޝް ތަމްސީލުކުރުމަށް ޖުމްލަ 187އެތުލީޓުން ޖަޕާނަށް ފުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 90ފިރިހެން ކުޅުންތެރިންނާއި 97އަންހެން ކުޅުންތެރިންނެވެ. މީގެ އިތުރުން 73އޮފިޝަލުންނާއި ކޯޗުން މި ޓީމާއެކު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތާރީހަށް ބަލާއިރު، އޭޝިއަން ގޭމްސްގައި ބަނގްލަދޭޝްއިން މިހާތަނަށް 14މެޑަލް ހޯދާފައިވެއެވެ. އެއީ ކަބައްޑީން ހަތް މެޑަލް، ކްރިކެޓުން ހަ މެޑަލް އަދި ބޮކްސިން އިން ހޯދި އެއް މެޑަލްއެވެ. ނަމަވެސް، ދާދި ފަހުން ނިމުނު ކޮމަންވެލްތު ގޭމްސްގައި އެއްވެސް ކާމިޔާބީއެއް ނުލިބި މުބާރާތް ނިންމާލަން ޖެހިފައިވަނިކޮށް، އޭޝިއަން ގޭމްސްއަށް މިހާ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮނުވާތީ، އެ ގައުމުގެ ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ ފާޑުކިޔައި ސުވާލު އުފައްދަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.