އޭޝިއަން ގޭމްސްގެ މާޝަލް އާޓްސް އިވެންޓުގެ ސެމީ ފައިނަލް މެޗުން ބަލިވުމާ ގުޅިގެން، މޮޅުވި ސިންގަޕޫރުގެ އެތުލީޓާ ސަލާންކުރަން އިންޑިއާގެ އަންހެން ފައިޓަރު ސުޗިކާ ތަރިޔާލް ދެކޮޅުހެދި މައްސަލައެއް ވަރަށް ބޮޑަށް ފެންމަތިވެއްޖެއެވެ.
ސެމީ ފައިނަލްގެ މި މެޗުން ސިންގަޕޫރުގެ ހުއި ހޫން ޓިއޯ މޮޅުވީ އެންމެ 700ގްރާމްގެ ތަފާތުންނެވެ.
ދެ ފައިޓަރުންގެ މެދުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ދެ ރައުންޑު ނިމުނުއިރު ދެ އެތުލީޓުން އޮތީ އެއްވަރުވެފައެވެ. އެހެންވެ، ނަތީޖާ ނެރުމަށް އިތުރު އެއް މިނެޓުގެ ވަގުތުކޮޅެއް ދިން ނަމަވެސް، އެ ވަގުތުގައި ވެސް އެއްވެސް ފައިޓަރަކަށް ކުރިހޯދޭ ގޮތެއް ނުވިއެވެ. އެއާއެކު އިންޑިއާ ކޭމްޕުން ފުރަތަމަ ނިންމި ނިންމުން ރީވިއު ކުރަން ޗެލެންޖް ކުރި ނަމަވެސް، އޮފިޝަލުން މެޗު ބެލުމަށް ފަހު ނިންމީ މެޗު އެއްވަރުވީ ކަމަށެވެ.
މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން، އިތުރު ވަގުތު ހަމަވާއިރު ވެސް ދެ ފައިޓަރުން އެއްވަރުވެއްޖެ ނަމަ، މޮޅުވާ ފަރާތެއް ކަނޑައަޅާނީ އެ ދުވަހެއްގެ ހެނދުނު އެތުލީޓުންގެ ބަރުދަން ބެލި ނަތީޖާއަށް ރިއާޔަތްކޮށެވެ. އެގޮތުން ހެނދުނު ބަރުދަން ބެލިއިރު، ސިންގަޕޫރުގެ ޓިއޯގެ ބަރުދަން އިންޑިއާގެ ސުޗިކާއަށްވުރެ 700ގްރާމް ލުއިވުމުން، ފައިނަލުގެ ޖާގަ ލިބުނީ ޓިއޯއަށެވެ.
އޮފިޝަލުން މި ނަތީޖާ އިއުލާން ކުރަން އުޅުމުން އުމުރުން 36އަހަރުގެ ސުޗިކާ ފުރަތަމަ ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. ނަމަވެސް ކޯޗުންގެ އެދުމުގެ މަތިން އޭނާ ރެފްރީގެ ކައިރިއަށް ދިޔަ ނަމަވެސް، މޮޅުވި ޓިއޯއާ ސަލާންކުރަން ވަނީ ސާފުކޮށް އިންކާރުކޮށްފައެވެ. އަދި ނަތީޖާ ރަސްމީކޮށް ކަށަވަރުވުމާއެކު، މާޔޫސްވެގެން ސުޗިކާ ވަނީ އިންޑޯ ތަޅުންގަނޑުމައްޗަށް ވެއްޓި ވަރަށް ބާރަށް ރޮއެފައެވެ.
މި މައްސަލައިގައި އިންޑިއާގެ ކޭމްޕުން ވަނީ އޭޝިއަން އެމްއެމްއޭ އެސޯސިއޭޝަނުން ސިންގަޕޫރަށް ފަހިވާ ގޮތަށް ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް، މާޝަލް އާޓްސްގެ ސްޕޯޓްސް ފެޑެރޭޝަނުން އެ ތުހުމަތުތައް ދޮގުކޮށް ބުނީ، މެޗުގެ ނަތީޖާ ނިންމާފައި ވަނީ މުބާރާތުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.