ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބްރެޒިލް މެޗަށް ޓަކައި އިންޑިއާއިން އާސިއާންކަޕް ދޫކޮށްލުން

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ އެއް ބާރު ކަމަށްވާ ބްރެޒިލާ ދެކޮޅަށް އިންޑިއާ އިން ކުޅުނު އެކުވެރިކަމުގެ މެޗުން ބްރެޒިލް މޮޅުވި ނަމަވެސް، މިއީ ނަތީޖާއަށް ވުރެ ބޮޑަށް އިންޑިއާގެ ފުޓްބޯޅައަށް ލިބުނު ތާރީހީ އަދި ހާއްސަ ކުރިއެރުމެކެވެ.

އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.

ފަސް ފަހަރު ވޯލްޑް ކަޕް ހޯދާފައިވާ ބްރެޒިލް ޓީމުން މި މެޗުގައި ޖެހި ހަތަރު ލަނޑުގެ ތެރެއިން ސެމުއެލް ލިނޯ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ އެސްޓެވޯއާއި ޕެޑްރޯއެވެ. ވިނީޝިއަސް ޖޫނިއާއާއި ބްރޫނޯ ގިމަރާއިސް ފަދަ ދުނިޔޭގެ ފެންވަރުގެ ތަރިންނާ އެކު ކުޅުނު ބްރެޒިލް ޓީމާ ދެކޮޅަށް އިންޑިއާގެ ކުޅުންތެރިން ވަނީ ޖެހިލުންވުމެއް ނެތް ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި އިންޑިއާގެ ސަހަލް އަބްދުއްސަމަދު ބްރެޒިލްގެ ޑަގްލަސް ސަންޓޯސް ކައިރިން ނަލަ އުކުޅަކާއެކު ބޯޅަ ހިފައިގެން ދިޔަ ވަގުތު މުޅި ސްޓޭޑިއަމް ގުގުމާލިއެވެ. މީގެ އިތުރުން ރަޔަން ވިލިއަމްސް އަރިމަތިން ބްރެޒިލްގެ ޑިފެންޑަރު ކައިރިން ނައްޓާލާފައި ކުރިއަށް އެރިއިރު، މަންވީރު ސިންގު ބްރެޒިލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި އުފެއްދި ނުރައްކާތެރި ފުރުސަތުތަކުން އިންޑިއާގެ ކުޅުންތެރިންގެ ކެރުންތެރިކަން ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ.

އާބާދީއާއި ޖިއޮގްރަފީގެ ގޮތުން ބްރެޒިލާ އެއްވަރުގެ ބޮޑު ގައުމެއް ނަމަވެސް، އިންޑިއާއަކީ އޭޝިއާގެ ފުޓްބޯޅައިގެ ވެސް ބާރެއް ނޫނެވެ. އެހެން ނަމަވެސް، އިންޑިއާގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ޝައުގުވެރިކަން އުފެއްދުމަށް މި މެޗަކީ ލިބުނު އެންމެ ބޮޑު ޕްރޮމޯޝަނެވެ. ނަތީޖާއަށް ވުރެ ބޮޑަށް، ބްރެޒިލް ފަދަ ބޮޑު ބްރޭންޑަކާ ދެކޮޅަށް ކުޅެން ލިބުމަކީ އިންޑިއާގެ ސަޕޯޓަރުންނަށް ގެނެސްދިން އީދެކެވެ.

ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮއްޓީ މެޗަށް ފަހު ބުނީ، މިއީ އޭނާގެ ކުޅުންތެރިންނަށް ކުރިމަތިވި އިމްތިހާނެއް ނޫން ނަމަވެސް، މިއީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ބްރެޒިލުން އޭޝިއާއަށް ކުރި މި ދަތުރުގައި އޮސްޓްރޭލިއާއާ ދެކޮޅަށް އެ ގައުމުގައި ވެސް މެޗެއް ކުޅެފައިވާއިރު، އަންޗެލޮއްޓީ ބުނީ މި ދެ މެޗާ މެދު ވެސް އޭނާ ހިތްހަމަޖެހޭ ކަމަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު