ޗެލްސީއަށް ކުޅެމުން އަންނަ އުމުރުން 24އަހަރުގެ ބްރެޒިލް ފޯވާޑް ޖޮއާއޯ ޕެޑްރޯއަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗުތަކުގައި އޮސްޓްރޭލިއާ އަދި އިންޑިއާއާ ދެކޮޅަށް ނުކުންނަ އެ ޤައުމުގެ ޤައުމީ ޓީމުން އޭނާ ބާކީވެއްޖެކަން ރޭ އިއުލާނުކޮށްފިއެވެ.
ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން ޕެޑްރޯގެ އަނިޔާގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ސޯޝަލް މީޑިއާ މެދުވެރިކޮށް އެ އިދާރާއިން ބުނެފައިވަނީ އޭނާގެ ބަދަލުގައި ޤައުމީ ސްކޮޑަށް މިހާރު ފްލުމިނެންސޭއަށް ކުޅެމުން އަންނަ މިޑްފީލްޑަރު މަތިއަސް މާޓިނެއްލީ ހަމަޖައްސާފައިވާ ކަމަށެވެ.
ޕެޑްރޯއަށް އަނިޔާވެފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ހަލް ސިޓީއާ ވާދަކޮށް 2-2އިން ޗެލްސީ އެއްވަރުވި މެޗުގައި މޮޅު ކުޅުމެއް ދައްކާފައި ވަނިކޮށެވެ. މެޗުގެ ފުރިހަމަ ވަގުތު އޭނާ ކުޅެފައިވާއިރު، އެ މެޗުގައި ޕެޑްރޯ ވަނީ ލަނޑެއް ކާމިޔާބުކުރުމުގެ އިތުރުން ޓީމުގެ އެހެން ކުޅުންތެރިއަކަށް ލަނޑު ޖަހަން ފުރުސަތުވެސް ފަހިކޮށްދީފައެވެ.
އެކުވެރިކަމުގެ މެޗުތަކެއްގެ ގޮތުގައި ބްރެޒިލްގެ ޤައުމީ ޓީމުން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުމަށް ޝެޑިއުލްކޮށްފައި ވަނީ މި ހިނގާ މަހުގެ 25އަދި 29ވަނަ ދުވަހުއެވެ. އޭގެ ފަހުން، އަންނަ އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހު އިންޑިއާގެ ކޮލްކަތާގައި އެ ޤައުމުގެ ޤައުމީ ޓީމާ ދެކޮޅަށް ވެސް ބްރެޒިލުން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.