ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވިނީގެ ފޯމު ދަށްވާތީ މޮރީނިއޯ ފުން ހިތާމައެއްގައި!

ޝެއާ ކުރޭ Facebook Telegram Viber X

ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއުސް ޖޫނިއާ މި ސީޒަނުގައި ފޯމު ގެއްލި، އުނދަގޫ ހާލަތެއް ތަހައްމަލުކުރަމުންދާ މަންޒަރު ފެނުމުން ހިތްދަތިވާ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ސްކާއި އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ވަނީ ވިނީޝިއުސްގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވިނީޝިއުސްގެ ހާލަތާ މެދު ވާހަކަދައްކަމުން މޮރީނިއޯ ބުނީ "މިފަދަ ހާލަތެއްގައި ވިނީ އުޅޭ މަންޒަރު ފެނުމުން އަހަރެންގެ ހިތަށް ތަދުވޭ. އޭނާއަކީ ކޮންމެ ދުވަހަކު ވެސް އުފަލާއެކު ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިޔެއް. ނަމަވެސް މި ސީޒަނުގައި މެޗެއްގެ ނަތީޖާ ބަދަލުކޮށްލުމުގެ އުފާވެރިކަން އޭނާއަށް އަދި ހޯދިފައެއް ނެތް"ކަމަށެވެ. މީގެއިތުރުން ލީގުގައި އޭނާ ސަސްޕެންޑްވެފައިވުމުން، ދެން އޮތް ޗެމްޕިއަންސް ލީގު މެޗުގައި އަލުން އަސްލު ވިނީޝިއުސްގެ ފޯމަށް އާދެވޭތޯ ބަލާނެ ކަމަށް ވެސް ކޯޗު ބުންޏެވެ.

މި ސީޒަނުގައި ކުޅުނު ނުވަ މެޗުން އުމުރުން 26އަހަރުގެ ފޯވާޑަށް ޖެހުނީ އެންމެ ލަނޑެކެވެ. އަދި އެންމެ ފަހުން ކުޅުނު ހަ މެޗުގައި އޭނާއަށް ހެދުނީ އެންމެ އެސިސްޓެކެވެ. 2023-24ވަނަ ސީޒަނުގައި 24ލަނޑު ޖަހައިގެން ރެއާލްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއުސްގެ ފަރާތުން މިހާރު އެ ކުޅުން ނުފެންނާތީ ސެންތިއާގޯ ބާނަބެއޫގެ ސަޕޯޓަރުންގެ ފާޑުކިޔުންތައް ވެސް އޭނާއަށް ވަނީ އަމާޒުވެފައެވެ. އެޓޭކުގައި އޭނާއާއެކު ކުޅޭ ކީލިއަން އެމްބާޕޭ ވަނީ މި ސީޒަނުގެ އަށް މެޗުން އަށް ލަނޑު ޖަހައި ދެ އެސިސްޓް ހަދައިފައެވެ.

ލީގުގައި އެންމެ ފަހުން ވިޔަރެއާލް އަތުން 1-0އިން ރެއާލް މޮޅުވި މެޗުގެ ދެވަނަ ހާފުގައި، ނޭތަން ސަލީބާގެ އިސްތަށިގަނޑަށް ދަމައިގަތުމުގެ ސަބަބުން ވިނީޝިއުސްއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މިއާ އެކު ލަލީގާގެ އިތުރު މެޗުތަކެއް އޭނާއަށް ގެއްލޭނެ ކަމަށް ބެލެވޭއިރު، އިތުރު ސަސްޕެންޝަނެއް އައިސްފި ނަމަ މި މަހުގެ 25ގައި ކޭމްޕް ނޯގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ ސީޒަނުގެ ފުރަތަމަ އެލް ކްލާސިކޯ މެޗު ވެސް ގެއްލުމުގެ ބިރު އެބައޮތެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި އޭނާއަށް ކުޅެވޭނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު