ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް 117މިލިއަން ޑޮލަރު ދެއްކުމަށް ފަހު ރެއާލް މެޑްރިޑަށް ދާދި ފަހުން ސޮއިކުރި އައިވަރީ ކޯސްޓުގެ ހުނަރުވެރި ކުޅުންތެރިޔާ ޔާން ޑިއޮމޮންޑަކީ އޭނާގެ އެދުމުގެ މަތިން ޓީމާ ގުޅުނު ކުޅުންތެރިއެއް ނޫންކަމަށް އެ ކުލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ވޯލްޑް ކަޕްގައި ދެއްކި ތަފާތު މޮޅު ކުޅުމާ ގުޅިގެން ރެއާލުން ބޮޑު އަގެއްގައި ގަތް ޒުވާން ކުޅުންތެރިޔާއާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން މޮރީނިއޯ ބުނީ، އެއީ ސީދާ ކުލަބުގެ އިސްވެރިންގެ ނިންމުމެއް ކަމަށެވެ. އެހެން ނަމަވެސް، ޑިއޮމޮންޑްގެ ހުނަރާ މެދު ހިތްހަމަޖެހޭކަން ފާހަގަކުރަމުން މޮރީނިއޯ ވަނީ އޭނާއަކީ ފެންވަރު ރަނގަޅު މޮޅު ކުޅުންތެރިއެއްކަމަށް އިއުތިރާފުވެފައެވެ.
ކޯޗުގެ މި ބަސްތަކަށް ރައްދުދެމުން ޑިއޮމޮންޑް ބުނެފައި ވަނީ، މޮރީނިއޯ ފަދަ ކާމިޔާބު ހޯދަން އެނގޭ މޭސްތިރިއެއްގެ އިރުޝާދުގެ ދަށުން ކުޅުމަކީ ކޮންމެ ފުޓުބޯޅަ ކުޅުންތެރިއަކު ވެސް ދެކޭނެ ހުވަފެނެއް ކަމަށެވެ. އަދި ނިމިދިޔަ ސީޒަނުގެ ބުންޑެސްލީގާގައި 12ލަނޑު ކާމިޔާބުކޮށްފައިވާ އުންމީދީ ކުޅުންތެރިޔާ ވަނީ، ކޯޗަށްޓަކައި މަރުފަސްކަން ދޭން ވެސް މިހާރު ހުރީ ތައްޔާރަށްކަމަށް ބުނެފައެވެ.
ޖެހިޖެހިގެން ދެ އަހަރު ވަންދެން ހުސްއަތާ ސީޒަން ނިންމާލަން ޖެހުމުގެ ސަބަބުން ރެއާލްގެ ހުންގާނާ ހަވާލުވި މޮރީނިއޯ އިތުރަށް ބުނީ، އޭނާގެ އެންމެ ބޮޑު އަމާޒަކީ ޓީމުގައި ތިބި ކޮންމެ ކުޅުންތެރިއެއްގެ ފެންވަރު ވެސް މިހާރަށް ވުރެ ރަނގަޅުކުރުން ކަމަށެވެ. އަދި މިހާރު މެޑްރިޑްގައި އޮތީ ތަށްޓަށް ވާދަކޮށް ކާމިޔާބީ ހާސިލުކުރެވޭނެ ފަދަ ވަރުގަދަ ސްކޮޑެއްކަމުގެ ޔަގީންކަން ވެސް އޭނާ ދީފައިވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.