ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ތިން އަހަރަށް ރެއާލްގެ ކޯޗަކަށް މޮރީނިއޯ

ޝެއާ ކުރޭ Facebook Telegram Viber X

ރެއާލް މެޑްރިޑުގެ ކޯޗުގެ މަގާމަށް އެ ކްލަބުގެ ލެޖެންޑްރީ ކޯޗް ، ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ އަލުން އައްޔަންކުރިކަން އެ ކުލަބުން ކަށަވަރުކޮށްދީފިއެވެ.

އުމުރުން 63 އަހަރުގެ މޮރީނިއޯ ރެއާލް މެޑްރިޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އޭނާ މަސައްކަތާ ރަސްމީކޮށް ހަވާލުވާނީ އަންނަ ޖުލައި މަހުގެ 13ވަނަ ދުވަހު ޕްރީ-ސީޒަން ތަމްރީނުތަކަށް ޓީމު އެނބުރި އައުމުންނެވެ.

ޕޯޗުގަލްއަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗު އަލުން ސެންޓިއާގޯ ބާނަބިއުއަށް ގެނައުމަށް ޓަކައި، ރެއާލް މެޑްރިޑުން ވަނީ ބެންފީކާއަށް ބަދަލުގެ ގޮތުގައި 15 މިލިޔަން ޔޫރޯ (13 މިލިޔަން ޕައުންޑް) ދައްކައިފައެވެ.

ދާދި ފަހުން ބޭއްވި ރެއާލްގެ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ، މޮރީނިއޯ އަލުން ކޯޗުގެ މަގާމަށް ގެންނާނެ ކަމަށް ފްލޮރެންޓީނޯ ޕެރޭޒް ކުރިން އޮތީ ވައުދުވެފައެވެ. 2009ވަނަ އަހަރުން ފެށިގެން ރެއާލްގެ ރައީސްކަން ކުރައްވަމުން ގެންދާ އުމުރުން 79 އަހަރުގެ ޕެރޭޒް މި އިންތިޚާބު ކާމިޔާބުކުރީ 65 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރީ ވިޔަފާރިވެރިޔާ އެންރީކޭ ރިކޭލްމޭއެވެ.

މޮރީނިއޯ މީގެ ކުރިން ރެއާލް މެޑްރިޑުގައި ހޭދަކުރި ތިން ސީޒަނުގައި (2010 އިން 2013 އަށް)، އޭނާ ވަނީ އެ ކުލަބަށް ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕުގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްދީފައެވެ.

އޭގެ ފަހުން އޭނާ ވަނީ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓްނަމް ހޮޓްސްޕަރގެ އިތުރުން ރޯމާ، ފެނަބާޗޭ އަދި ބެންފީކާގެ ކޯޗުކަންކޮށްފައެވެ. 

މި ހަފުތާގެ ކުރީކޮޅު ބެންފީކާއިން ވަނީ މޮރީނިއޯގެ ބަދަލުގައި، ފުލަމްގެ ކުރީގެ ކޯޗު މާކޯ ސިލްވާ އެ މަގާމަށް އައްޔަންކުރުމަށް އެއްބަސްވެފައެވެ. މޮރީނިއޯ އަލުން ރެއާލް މެޑްރިޑާ ގުޅެނީ، ވޭތުވެދިޔަ ދެ ސީޒަނުގައި އެ ކްލަބަށް އެއްވެސް މުބާރާތެއް ކާމިޔާބުކުރެވިފައި ނުވާ ދަނޑިވަޅެއްގައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކުލަބުން ޒަބީ އޮލޮންސޯ ކޯޗުގެ މަގާމުން ވަކިކޮށް، ސީޒަން ނިމެންދެން ޓީމަށް އިރުޝާދުދިނީ އަލްވާރޯ އާބެލޯއާއެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު