ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްކޮޑުގައި އެންޑްރިކް ހިމަނައި ނުވަ ނަމްބަރު ޖާޒީ ދީފި

ޝެއާ ކުރޭ Facebook Telegram Viber X

ފަރަންސޭސިވިލާތުގެ ލިޔޯންއަށް ލޯނު އުސޫލުން ކުޅުމަށް ފަހު އެނބުރި އައުމުން މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވަނިކޮށް، ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭންތަކުގައި ހިމަނައި، ކުރިއަށް އޮތް ޖެނުއަރީ މަހުގެ ނިޔަލަށް އެ ކުލަބުގައި މަޑުކުރުމަށް އަންގައި ޒުވާން ފޯވާޑް އެންޑްރިކަށް މަޝްހޫރު ނުވަ ނަމްބަރު ޖާޒީ ހަވާލުކޮށްފިއެވެ.

ލޯނުގެ މުއްދަތު ހަމަވުމާ ގުޅިގެން އެންޑްރިކް އެނބުރި ސްޕެއިނަށް ދިޔައިރު، އޭނާ ކުލަބުގައި މަޑުކުރާނެކަމުގެ ޔަގީންކަމެއް ކުރިން ނެތެވެ. ނަމަވެސް، ކޯޗު މޮރީނިއޯ އާއި ކުލަބުގެ މެނޭޖްމަންޓުން ވަނީ ޓީމުގެ އެޓޭކިން ލައިނުގައި އޭނާ ބޭނުންކުރުމަށް ނިންމައި، އެކަން ކުޅުންތެރިޔާގެ އިތުރުން އޭނާގެ އޭޖެންޓަށް ވެސް ރަސްމީކޮށް އަންގާފައެވެ. އެންޑްރިކްގެ އަމިއްލަ ވިސްނުމަކަށްވީ ވެސް، ކުލަބު ދޫކޮށް އެހެން ދިމާލަކަށް މިސްރާބު ޖެހުމުގެ ބަދަލުގައި، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުލަބުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަ، މަދުވެގެން އަންނަ އަހަރުގެ ފުރަތަމަ މަހާ ހަމައަށް އޭނާ ރެއާލްގައި ހުންނާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ތަރިންގެ މައްޗަށް އެކުލެވިފައިވާ ފޯވާޑް ލައިނުން ޖާގައެއް ކަށަވަރުކުރުމަށް ޓަކައި، އޭނާގެ ހުނަރު ކޯޗަށް ސާބިތުކޮށްދޭން މަޖުބޫރުވާނެއެވެ.

ރެއާލްގެ ނުވަ ނަމްބަރު ޖާޒީއަކީ ލިޔޯންއަށް ބަދަލުވުމުގެ ކުރިންވެސް އެންޑްރިކް ބޭނުންކުރަމުން އައި ނަމްބަރެވެ. ފަރަންސޭސި ލީގުގައި ހޭދަކުރި ދުވަސްވަރު އޭނާ ވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ކުޅުނު 16މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށް، އިތުރު ހަތް ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައިވެއެވެ. މި ނަތީޖާތަކާއެކު ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑުން އޭނާއަށް ޖާގަ ލިބުނުއިރު، މުބާރާތުގެ ބައެއް މެޗުތަކުގައި އެންޗެލޮޓީ ވަނީ އޭނާއަށް ކުޅުމުގެ ފުރުސަތު ދީފައެވެ. އެހެން ނަމަވެސް، މުބާރާތުގެ ކުއާޓާ ފައިނަލްގައި ނޯވޭއާ ދެކޮޅަށް ކުޅެ ބްރެޒިލް ކަޓަން ޖެހުނު މެޗުގައި، ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް އޭނާގެ އަތުން ބޭކާރުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލްގައި މަޑުކުރުމަށް އެންޑްރިކް ނިންމިއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާ ހިމެނޭހެން ޔޫރަޕްގެ އެހެން ބައެއް ބޮޑެތި ކުލަބުތަކުންވެ ސް ވަނީ ލޯނު އުސޫލުން އޭނާ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އުމުރުން 16އަހަރުގައި ރެއާލް މެޑްރިޑަށް ކުޅުމަށް އެއްބަސްވުން އެކުލަވާލި ނަމަވެސް، މިހާރު އުމުރުން 20އަހަރު ފުރިފައިވާ ހުނަރުވެރި ކުޅުންތެރިޔާ އެ ކުލަބާއެކު ރަސްމީކޮށް ކޮންޓްރެކްޓްގައި ސޮއިކުރީ އުމުރުން 18އަހަރު ފުރުމާއެކު 2024ވަނަ އަހަރުގެ ތެރޭގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު