ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އާންމުކުރި މައުލޫމާތަކާ ގުޅިގެން، ބްރެޒިލްގެ ގައުމީ ޓީމާއި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ކާލޮސް މީގެ މަހެއްހާ ދުވަސްކުރިން އިސްލާމްދީން ގަބޫލުކޮށްފައިވާކަމުގެ ހަބަރުތަކެއް މުޅި ދުނިޔޭގެ މީޑިއާތަކުގައި ފެތުރެން ފަށައިފިއެވެ.
ތުރުކީގެ ޕާލަމެންޓް މެމްބަރު އަލީ ޝާހިން ހާމަކުރެއްވި ގޮތުގައި، ކްރިސްޓިއަން ދީނަށް ނިސްބަތްވާ އުމުރުން 53އަހަރުގެ ކާލޮސް ޝަހާދަތުގެ ދެކަލިމަ ކިޔާފައި ވަނީ މީގެ ހަތަރު ހަފްތާ ކުރިން އޭނާގެ އުފަން ގައުމުގައެވެ. މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ބްރެޒިލްގެ މުސްލިމް ކޮމިއުނިޓީގެ އިސް ފަރާތެއް ކަމަށްވާ ޝައިހް ޖިހާދު ހަމާދާއެވެ. ޝާހިން އިތުރަށް ވިދާޅުވި ގޮތުގައި ކާލޮސް އިސްލާމްވުމުގެ ކުރިން ވަނީ ޝައިހް ޖިހާދާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި، ދީނީ މައުލޫމާތު އޮޅުންފިލުވާފައެވެ.
މި އަޑުތަކަށް އިތުރު ބާރެއް ލިބިފައިވަނީ، ސްޕެއިންގައި ދިރިއުޅެމުންދާ މޮރޮކޯ ދަރިކޮޅުގެ މުސްލިމް އަންހެނެއް ކަމަށްވާ ސުހައިލާ އެއްތާހިރީ އާ ކާލޮސް ދާދިފަހުން ކައިވެނިކުރުމާ ގުޅިގެންނެވެ. ފުޓްބޯޅަ އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ސުހައިލާއާ ކާލޮސް ބައްދަލުވެފައި ވަނީ މަސައްކަތުގެ މާހައުލުން ކަމަށާއި، ފަހުން އެ ގުޅުން ލޯބީގެ ގުޅުމަކަށް ބަދަލުވީކަމަށް ކާލޮސް ވަނީ ބުނެފައެވެ. މީގެ ކުރިން އޭނާ ވަނީ ތަފާތު ހަތް އަންހެނުންނާ އިނދެ، އެ ގުޅުންތަކުން 11ކުދިން ހޯދާފައެވެ. އެކުދިންގެ މަންމައިންނާ ވަކިވާން ޖެހުނީވެސް ކުދިން ގިނަވުމުގެ ސަބަބުން ކަމަށް އޭނާ ކުރިން ބުނެފައިވެއެވެ.
ދުނިޔެ ދުށް އެންމެ މޮޅު ވާތު ބެކުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކާލޮސް ވަނީ 2002ވަނަ އަހަރު ބްރެޒިލުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މުހިންމު ދައުރެއް އަދާކޮށްފައެވެ. ގައުމީ ޓީމަށް ކުޅެދިން 125މެޗުގައި 10ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު 370މެޗުގައި 47ލަނޑު ޖަހާފައެވެ. އިޓަލީގެ އިންޓަ މިލާނާއި ތުރުކީގެ ފެނަބާޗޭގައި ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ހުނަރުވެރި ކުޅުންތެރިޔާ މިހާރު ހަރަކާތްތެރިވަމުން އަންނަނީ ރެއާލް މެޑްރިޑްގެ އެމްބެސެޑަރެއްގެ ގޮތުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.