އަންނަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އިންޑިއާގެ ކަލްކަތާގައި ބްރެޒިލާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަކީ، އެ ގައުމުގެ ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ދަސްކޮށް ބޮޑެތި ހުވަފެންތަކެއް ދެކެން ލިބޭ ރަން ފުރުސަތެއް ކަމަށް އިންޑިއާގެ ފުޓްބޯޅަ އިދާރާއިން ބުނެފިއެވެ.
މިއީ އިންޑިއާގެ ފުޓްބޯޅަ ތާރީޚުގައި ވެސް އެ ގައުމުން ކުޅޭނެ އެންމެ ޚާއްޞަ ކުރިމަތިލުން ކަމަށް އެ ގައުމުން ސިފަކުރެއެވެ.
"ފުޓްބޯޅަ ފެޑެރޭޝަން އޮފް ބާރަތު"ގެ ނަމަށް ބަދަލުކުރަން ނިންމާފައިވާ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ޑައިރެކްޓަރު ސުބްރަތާ ޕޯލް ވިދާޅުވީ، މިއީ އާދައިގެ މެޗަކަށް ވުރެ މާ ޚާއްޞަ މެޗެއް ކަމަށާއި މީގެ ސަބަބުން އިންޑިއާގެ ފުޓްބޯޅައަށް ބޮޑު ދޮރެއް ހުޅުވިގެންދާނެ ކަމަށެވެ.
"ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިއީ ހަމައެކަނި އިތުރު މެޗަކަށްވުރެ މާ ބޮޑު ފުރުސަތެއް. މިއީ ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު އެއް ގައުމާ ދެކޮޅަށް ކުޅެ، އަމިއްލަ ގާބިލުކަން ވަޒަންކުރަން ލިބޭ ވަރަށް ނާދިރު ފުރުސަތެއް"ސުބްރަތާ ޕޯލް ވިދާޅުވިއެވެ.
ސުބްރަތާ އިތުރަށް ވިދާޅުވީ މިފަދަ ތަޖުރިބާތަކުގެ ސަބަބުން ކުޅުންތެރިންނަށް ކުރިއެރުން ލިބި، މާ ބޮޑެތި ކަންކަމަށް ހުވަފެން ދެކެން ހިތްވަރު ލިބޭނެ ކަމަށެވެ. އަދި މިއީ ކުޅުންތެރިންގެ މުޅި ކެރިއަރުގައި ވެސް ހަނދާނުން ނުފިލާނެ ފަދަ މެޗަކަށް ވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާއާ ދެކޮޅަށް ކުޅުމުގެ ކުރިން، އަންނަ މަހުގެ ފަހުކޮޅު އޮސްޓްރޭލިއާގެ ކްއީންސްލޭންޑްގައި ބްރެޒިލުން ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ މެޗު އަންނަ މަހުގެ 25 ވަނަ ދުވަހު ޓައުންސްވިލްގައި ކުޅޭއިރު، ދެވަނަ މެޗު އަންނަ މަހުގެ 29ގައި ކުޅޭނީ ކްއީންސްލޭންޑްގެ ވެރިރަށް ބްރިސްބޭންގައެވެ. ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނި ގޮތުގައި، އޮސްޓްރޭލިއާއާއި އިންޑިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ތިން މެޗުގައި ވެސް އޭނާ އިސްކަންދޭނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.