ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ކްރިކެޓް މުބާރާތުގެ ކުއާޓާ ފައިނަލުން، ދުނިޔޭގެ ކްރިކެޓްގައި ފާހަގަކޮށްލެވޭ އޭޝިޔާގެ އެންމެ ވަރުގަދަ ހަތަރު ގައުމު ކަމަށްވާ އިންޑިޔާ، ޕާކިސްތާން، ސްރީލަންކާ އަދި ބަނގްލަދޭޝްއަށް އޮޓޮމެޓިކުން ޖާގަ ކަށަވަރުކޮށްދީފިއެވެ.
މި ހަތަރު ގައުމަކީ އޭޝިޔާ ބައްރުގެ އިތުރުން މުޅި ދުނިޔޭގައި ވެސް ކްރިކެޓްގެ އެންމެ އުސްމިނުގައި ގުނާލެވޭ ޓީމުތަކަށް ވާއިރު، ބަނގްލަދޭޝް ފިޔަވައި އަނެއް ތިން ގައުމަކީ ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ބޮޑެތި ބާރުތަކެވެ. ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހު ނަގޯޔާ ސިޓީގައި ފަށާ ފިރިހެނުންގެ މުބާރާތުގައި ޖުމްލަ 10ގައުމަކުން ވާދަކުރާއިރު، ކުއާޓާގެ ބާކީ އޮތް ހަތަރު ޖާގަ ހޯދުމަށް ދެން ތިބި ހަ ގައުމުން ޖެހޭނީ ކޮލިފައިން ބުރުގައި ކުޅޭށެވެ.
ކޮލިފައިން ކުޅޭ ގައުމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލެވިފައެވެ. އެގޮތުން ގްރޫޕް އޭގައި އަފްޣާނިސްތާނާއި ނޭޕާލްގެ އިތުރުން މުބާރާތް ބާއްވާ ގައުމު ޖަޕާން ހިމެނޭއިރު، ގްރޫޕް ބީގައި ވާދަކުރާނީ އޮމާނާއި މެލޭޝިޔާ އަދި ހޮންކޮންގް އެވެ. ގަދަ އަށަކަށް ދަތުރުކުރާނީ ލީގު އުސޫލުން ކުޅުމަށްފަހު ކޮންމެ ގްރޫޕަކުން ވެސް އެންމެ ކުރި ހޯދާ ދެ ޓީމެވެ.
މީގެ އިތުރުން އަންހެނުންގެ ކްރިކެޓް އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 17އިން 22އަށް، ސީދާ ކުއާޓާ ފައިނަލުގެ މެޗުތަކުންނެވެ. އަށް ގައުމު ވާދަކުރާ މި ބައިގައި، އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާ ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. މީގެ އިތުރުން ބަނގްލަދޭޝްއާއި ޗައިނާ ބައްދަލުކުރާއިރު، ސްރީލަންކާ ކުޅޭނީ މެލޭޝިޔާއާއެވެ. އަދި ޕާކިސްތާން ވާދަކުރަން ޖެހެނީ ތައިލެންޑާއެވެ.
ޓީ20ފޯމެޓަށް ކުޅޭ މި މުބާރާތަށް ގައުމުތަކުން ނުކުންނައިރު، ޗައިނާގައި 2023ވަނަ އަހަރު އޮތް ގޭމްސްގެ ފިރިހެން އަދި އަންހެން ބައިގެ ރަން މެޑަލް ވެސް ހާސިލްކޮށްފައި ވަނީ އިންޑިޔާއިންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.