ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދިވެހި ލީގު ކޮލިފައިން: ދިއްދޫ ބަލިކޮށް ޓީސީން ދެވަނައަށް

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ބުރުގައި މިރޭ ކުޅުނު މެޗުން ހއ. ދިއްދޫގެ މައްޗަށް 3-0ގެ ފަރަގަކުން ކާމިޔާބު ހޯދައި، ޓީސީ ސްޕޯޓްސް ކުލަބުން ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ހޯދި މޮޅަކީ މި ފަހަރުގެ ކޮލިފައިން ބުރުގައި ޓީސީން ހޯދި ފުރަތަމަ މޮޅެވެ.

މިރޭގެ މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ޓީސީއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް އޮލަޑިމޭޖީ ޖިމޯއެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ބޯޑު ޕްރިންސް ވަނީ ލަނޑެއް ޖަހައި ޓީސީގެ ލީޑު ފުޅާކޮށްދީފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑަކީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ދިއްދޫގެ ހުސެއިން ރަޝީދު އަތުން ބައިކޮށް ވައިން ލަނޑެކެވެ.

މިއީ ރާއްޖޭގެ ހަތަރު ރީޖަނެއްގެ ޗެމްޕިއަނުންނާ އެކު، މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން ކުރިއަށްދާ ކޮލިފައިން ބުރެކެވެ. މި ބުރުގައި ވާދަކުރަނީ ސައުތު ރީޖަންގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން މިދިޔަ ސީޒަނުގެ ލީގުގެ ހަތްވަނަ އަދި އަށްވަނަ ހޯދި ޓީސީ އާއި ކުލަބު ގްރީން ސްޓްރީޓްސްއެވެ. މި ހަ ޓީމުގެ ތެރެއިން އެންމެ ކުރި ހޯދާ ހަތަރު ޓީމަށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން ޖާގަ ލިބޭނެއެވެ.

މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ތާވަލުގެ އެއްވަނައިގައި އޮތް ބިސް ބުރާއި ދެވަނައިގައި އޮތް ޓީސީއަށް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. ތިންވަނައިގައި އޮތް ގައްދޫ އަދި ހަތަރުވަނައިގައި އޮތް ދިއްދޫއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ހުރާއާއި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ކޮލިފައިންގެ ދެން ހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ހުރާއާއި ދިއްދޫ ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި ޓީސީ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު