ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ގްރީން ބަލިކޮށް ފުރަތަމަ ޑިވިޝަނުގެ އުއްމީދު ބިސްބުރުން އާކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ދިވެހި ލީގު ކޮލިފިކޭޝަނުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 5-2ގެ ބޮޑު ކާމިޔާބީއެއް ހޯދައި، ބިސްބުރު ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމުގެ އުއްމީދު އާކޮށްފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ބިސްބުރުން މޮޅުވީ ގްރީންއިން ފުރަތަމަ ލަނޑު ޖަހައި ކުރިހޯދާފައިވަނިކޮށް، ފަހަތުން އަރައި މޮޅު ކުޅުމެއް ދައްކައިގެންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ގްރީން އިންނެވެ. މެޗުގެ 19ވަނަ މިނެޓުގައި އަބްދުﷲ މިސްބާޙް އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އޮބެއިދާ ކާދިމް އަޙްމަދެވެ. ނަމަވެސް، މި ލަނޑަށް ފަހު ބިސްބުރުން ކުޅުން ރަނގަޅުކޮށް، މެޗުގެ 26ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ބިސްބުރުގެ މުޙައްމަދު ނަޝީދު ހުސްކޮށް ބޯޅައާއެކު އޭރިއާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓަން އުޅުމުގެ ތެރޭގައި ގްރީންގެ ކީޕަރު ޔަނާލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ބިދޭސީ ފޯވާޑް މަޙްމޫދު އަޝްރަފެވެ.

އޭގެ ހަތް މިނެޓު ފަހުން ބިސްބުރުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދިއެވެ. ކޯނަރު ދަނޑި ކައިރިން ލިބުނު ހިލޭ ޖެހުމަކުން މަޙްމޫދު އަޝްރަފް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގްރީންގެ ކީޕަރުގެ އަތުގައި ޖެހިފައެވެ. އަދި މެޗުގެ 41ވަނަ މިނެޓުގައި ބިސްބުރުގެ ބިދޭސީ ފޯވާޑް އާމިރު ފޮނުވާލި ހިލޭ ޖެހުމެއް ގްރީންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ވަދެ، ބިސްބުރުގެ ތިންވަނަ ލަނޑު ފެނުނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާމިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި މުޙައްމަދު ނަޝީދު ވަނީ ބިސްބުރުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނުނުއިރު، މެޗުގެ 66ވަނަ މިނެޓުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އަންސަރު އިބްރާހީމް ވަނީ ގްރީންގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. ނަމަވެސް، މެޗުގެ 80ވަނަ މިނެޓުގައި އޭރިއާ ތެރެއިން އާމިރަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އާމިރު ވަނީ ބިސްބުރަށް ފަސްވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ސައީދަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާފައެވެ. އޭނާއަށް ކުރި ފައުލަކަށް ކާޑު ނުދެއްކުމުން ހިތްހަމަނުޖެހުން ފާޅުކުރުމުން ފުރަތަމަ ރީނދޫ ކާޑެއް ދެއްކުމަށް ފަހު، އިތުރަށް ހިތްހަމަނުޖެހުން ފާޅުކުރުމުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.

މި މޮޅާއެކު ބިސްބުރަށް ވަނީ ކޮލިފިކޭޝަނުގައި ޖުމްލަ ހަތަރު ޕޮއިންޓް ލިބިފައެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޓީސީއާ ވާދަކޮށް ވީ އެއްވަރެވެ. އަނެއްކޮޅުން، ފުރަތަމަ މެޗުގައި ހުރާއާ އެއްވަރުވި ގްރީން އަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ކޮލިފައިންގައި ގްރީން ދެން ބައްދަލުކުރާނީ ޓީސީއާއެވެ. ބިސްބުރު ދެން ނުކުންނާނީ ސައުތު ރީޖަންގެ ޗެމްޕިއަން، ގދ. ގައްދޫއާ ދެކޮޅަށެވެ.

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު