ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ބުރުގައި ކ. ހުރާގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރިހޯދައި، ގދ. ގައްދޫން މި ބުރުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ގައްދޫން މޮޅުވީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ހުރާއިންނެވެ. މެޗުގެ 19ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަސިއެރް ގޯމޭސް އަލްވަރޭޒެވެ. ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ގައްދޫގެ އަލީ މުޙައްމަދު ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ގައްދޫ މޮޅުކޮށްދިން ލަނޑު މެޗުގެ 66ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެމަނުއެލް އޮލުބެންގާ މަކިންޑެއެވެ.
މިއީ މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުންނާއެކު ކުރިއަށްދާ ކޮލިފައިން ބުރެކެވެ. މި ބުރުގައި ވާދަކުރަނީ ސައުތު ރީޖަންގެ ޗެމްޕިއަން ގައްދޫގެ އިތުރުން، ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ހުރާ އާއި، ނޯތު ރީޖަންގެ ޗެމްޕިއަން ހއ. ދިއްދޫ އާއި، މާލެ ރީޖަންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބެވެ. މީގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަދި އަށްވަނަ ހޯދި ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސް ވެސް މި ބުރުގައި ވާދަކުރެއެވެ. މި ހަ ޓީމުގެ ތެރެއިން އެންމެ ކުރިހޯދާ ހަތަރު ޓީމަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ.
މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ދެ މެޗުން ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ބިސް ބުރު ސްޕޯޓްސް ކުލަބެވެ. ދެވަނައިގައި އޮތް ދިއްދޫއާއި ތިންވަނައިގައި އޮތް ގައްދުއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގައްދޫން ދެ މެޗު ކުޅެފައިވާއިރު ދިއްދޫން ކުޅެފައި ވަނީ އެންމެ މެޗެކެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ޓީސީއާއި، ފަސްވަނައިގައި އޮތް ހުރާގެ އިތުރުން ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މީގެ ތެރެއިން ހުރާއާއި ގްރީން ސްޓްރީޓްސް ދެ މެޗު ކުޅެފައިވާއިރު، ހުރާއިން ކުޅެފައި ވަނީ އެންމެ މެޗެކެވެ.
މި މުބާރާތުގައި މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހއ. ދިއްދޫ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.